ހަބަރު

ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ދޭން އދ. އިން ރާއްޖެއަަށް ގޮވާލައިފި

ރާއްޖޭގެ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ދެމެހެއްޓުމަށް ޔުނައިޓެޑް ނޭޝަންސް ( ޔޫއެެން) އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓަރެސްގެ ތަރުޖަމާނު ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެެއްގައި ވިދާޅުވެފައި ވަނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ރާއްޖޭން ނެތެމުންދާތީ ސެކްރެޓަރީ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ޕާލަމެންޓް މެމްބަރުންނާއި ސިޔާސީ ޕާޓީތަކާއި ސިވިލް ސޮސައިޓީއާއި މީޑިއާގެ ފަރާތްތަކުގެ މަސައްކަތްތަށް ހުރަސް އެޅުމާއި ގޯނާ ކުރުމުގެ އަމަލުތަކުން ދުރުހެލިވުމަށް ސެކްރެޓަރީ ޖެެނެރަލް ދިވެހި ސަރުކާރަށް ގޮވައިލައްވައެވެ،" ބަޔާނުގައި ވެއެވެ.

ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރަން ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.

ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގައި ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތާއި މެެދު ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާއާއި އިނގިރޭސިވިލާތާއި ކެނެޑާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖެއަށް އެކްރެޑިޓްކޮށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ގާއިމްކޮށްފައިވާ ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާ އެމްބަސީ އަދި އީޔޫގެ ޑެލެގޭޝަނުން ޖުލައި މަހުގެ 25 ވަނަ ދުވަހު ނެރުނު ގުޅިފަައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް އަދި ޑިމޮކްރަސީއަށް ގެއްލުންވާ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ މެދު ކަންބޮޑުވާ ކަމަށެވެ.

"މަޖިލީހާއި މުހިއްމު އެހެން މުއައްސަސާތަކާއި ކޮމިޝަންތަކުގެ މިނިވަންކަން އިއާދަކުރުމަަށް އަވަސް ފިޔަވަޅުތަކެއް އަޅަން ދިވެހި ސަރުކާރަށާއި ޒިންމާ އުފުލަން ޖެހޭ އެހެން މުއައްސާތަކަށް އަހަރެމެން ގޮވައިލަމެވެ. ޕާލަމެންޓް ހުޅުވައި، ގާނޫނު އަސާސީއާ އެއްގޮތަށް މަަސައްކަތް ކުރިޔަދޭން ޖެހޭނެއެވެ،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އަދި ބުނެފައި ވަަނީ މަޖިލީހުގެ މެމްބަރުންނަށް ނުވަދެވޭ ގޮތަށް ބާރުގެ ބޭނުންކޮށްގެން މަޖިލިސް ބަންދުކުރުމާއި ސަލާމަތީ ބާރުތަކުން މަޖިލިސް ވަށައިލުމާއި މެމްބަރުންނަށް ގޯނާކޮށް ހައްޔަރުކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަންތައްތައް ކަމަށެވެ. އަދި ބުނެފައި ވަނީ އިދިކޮޅު ފަރާތްތައް ތިބުމަކީ ރަނގަޅު ޑިމޮކްރަސިއަކަށް ކޮންމެހެން މުހިއްމު ކަމެއް ކަަމަށެވެ.

މިއަދު ނެރުނު ގުޅިފައިވާ ބަޔާނަކީ ކެނެޑާ، ފްރާންސް، ޖަރުމަނު، އިޓަލީ، ނެދަލޭންޑްސް، ނޯވޭ، ސްވިޒަލޭންޑް، އިނގިރޭސިވިލާތް އަދި އެމެރިކާއާއި އީޔޫ ޑެލެގޭޝަނުން ނެރުނު ގުޅިފައިވާ ބަޔާނެކެވެ.