އިދިކޮޅު ފަރާތްތަކުން މަޖިލިސް ހުޅުވަން ގޮވާލައި މިއަދު ހަވީރު މަޖިލިސް ކައިރީގައި ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.
އިދިކޮޅު ޕާޓީތަކުން ބުނީ މަޖިލީހަށް މެންބަރުން ވަނުމަށް ފުރުސަތުދީ މަޖިލިސް ހުޅުވައި މިހާރު ކުރިއަށް ގެންދާ މެންބަރުންގެ ތަހުގީގުތައް ހުއްޓާލުމަށް ގޮވާލައި މިއަަދު ހަވީރު 4:30 މަޖިލިސް ކައިރީގައި ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ގުޅިގެން "ހަވީރު ސައި"ގެ ނަމުގައި ކުރިއަށް ގެންގޮސްފައިވަނީ އެމްޑީޕީ ހަރުގެ ކުރިމަތީގައި އެވެ. ނަމަވެސް މިއަދު އެ ހަރަކާތް މަޖިލިސް ކުރިމަތީގައި ބާއްވަން ނިންމާފައިވާ ކަމަށް އެ -ޕާޓީތަކުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދު އިތުބާރު ނެތް މައްސަލަ ބާތިލު ކުރުމުގެ ސަބަބުން އިދިކޮޅު މެންބަރުން މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވަދެފައި ވެއެވެ. އެ މައްސަލާގައި އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
އޭގެއިތުރުން މަޖިލިސް މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަދެފައިވާތީ، އެ މެންބަރުން ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.