ލައިފްސްޓައިލް

ނިދުމުގެ ކުރިން ކޮންމެހެންވެސް ފެންވަރަން ވާނެ

Jul 31, 2017

ބުރަ ދުވަހަކަށްފަހު ގެއަށް އަންނަ ގޮތަށް ބައެއް ރޭރޭ ބޭނުންވަނީ އިތުރު އެއްވެސް ކަމެއް ނުކޮށް ނިދާލާށެވެ. އަނެއް ބައި ފަހަރަށް ހޫނު ފެނުން ފެންވާރަލަން ބޭނުންވެ އެވެ. ނޫނީ ފިނި ފެނުންނެވެ. އެކަމަކު މޫޑު ހުންނަ ގޮތުން ބައެއް ރޭރޭ ނިދެނީ ފެން ނުވަރަ އެވެ.

ސައިންސްވެރިން ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ސިކުނޑި ތާޒާކޮށްލާ މީހާގެ ކްރިއޭޓިވިޓީ އިތުރު ކުރަން ބޭނުންވާނަމަ ނިދުމުގެ ކުރިން ކޮންމެހެންވެސް ފެންވަރަން ވާނެ އެވެ. އަދި އެއީ ފަސޭހައިން އަވަހަށް އަރާމު ނިންޖަކަށް މީހާ ފޮނުވާލާނެ ކަމެއް ކަމަށްވެ އެވެ. ސިކުނޑި ތާޒާކޮށްލާނެ އެވެ. ހާއްސަކޮށް ހޫނުފެނުން ފެން ވެރުމުން ނިދަން ފަސޭހަވާނެ ކަމަށްވެ އެވެ.

ސެންޓާ އޮފް ސްލީޕް މެޑިސިން އިން ހަދާފައިވާ އެ ދިރާސާއިން ދައްކާ ގޮތުގައި ނިދުމުގެ ކުރިން ފެންވަރާނަމަ އެއީ މުޅި މީހާ ރިލެކްސްކޮށްލާނެ ކަމެއްވެސްމެ އެވެ. އެކަމަކު ފެންވަރާގޮތަށް އެނދަށް އަރާ ނިދަން އުޅެފިނަމަ ފަހަރުގައި އެންމެ ފަސޭހައިން ނިދޭގޮތް ނުވެދާނެ އެވެ. ހާއްސަކޮށް ނިދަން އުނދަގޫ މީހެއް ނަމަ އެވެ. އެއީ ފެންވެރުމުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނު މިނަށް ބަދަލު އަންނާތީ އެވެ. މީގެ އިތުރުން އިސްތަށިގަނޑު ރީތިކޮށް ނުހިއްކޭނަމަ ބާލީސްވެސް ހަޑިވާނެ އެވެ. ބާލީސް ހަޑިވުމަކީވެސް ނިދަން އުނދަގޫވާނެ ސަބަބެކެވެ.

ނިދުމުގެ ގަޑިއެއް ނުވަތަ ދޮޅު ގަޑިއެއްހާއިރު ކުރިން ފެންވެރުން އެންމެ ރަނގަޅުވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ. އެއީ ފެންވެރުމުން ހަށިގަނޑަށް އަންނަ ފިނިހޫނުމިން ބަދަލުވެ ގުނަވަންތަކުގެ ހިނގުންވެސް އާންމު ރޭޓަށް ބަދަލުވެގެންދާނެތީ އެވެ. ނިދަން އެންމެ އެކަށީގެންވާ ފިނިހޫނުމިނަށް ހަށިގަނޑު ތައްޔާރުކޮށްލާނެ އެވެ.