ހަބަރު

ފާރިސް ހާޒިރުކުރަން ދެން ކޮމިޓީ މެދުކަނޑާލައިފި

ފުލުހުންގެ ބަންދުގައި ހުންނެވި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށްދޭން ދެންނެވުމަށް މިއަދު ނިންމައި، ކޮމިޓީ މެދުކަނޑާލައިފި އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޕެޓިޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެ ކޮމިޓީގައި ފާރިސް ހިމެނިވަޑައިގަންނަވާތީ އެ މެންބަރު ހާޒިރުކޮށްގެން ކޮމިޓީ ބައްދަލުވުން ކުރިޔަށް ގެންދިޔުމަށް އޭނާ ހުށަހެޅުއްވި ކަމަށެވެ. އަދި އެ ހުށަހެޅުމަށް ކޮމިޓީގައި ހާޒިރުވެ ތިބި އެއްވެސް މެންބަރަކު ދެކޮޅު ނުހައްދަވާ ކަމަށާއި ފާރިސް ހާޒިރު ކުރުމަށް ފަހުގައި
ނޫނީ ޕެޓިޝަން ކޮމިޓީ ކުރިއަށް ނުގެންދިޔުމަށް ނިންމި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕެޓިޝަން ކޮމިޓީން ނިންމާފައި ވަނީ ފާރިސް މައުމޫން ހާޒިރުކޮށްގެން ނޫނީ ކޮމިޓީ ބައްދަލުވުުން ކުރިޔަށް ނުގެންދަން ރިޔާސަތަށް އަންގަން. އެހެންވެ ދެން އެ ކޮމިޓީ ބައްދަލުވުން ކުުރިޔަށް ދާނީ ފާރިސް ހާޒިރު ކުރުމުން،" ޝާހިދު ވިދާޅުވި އެވެ.

ފާރިސް ހާޒިރު ކުރުމަށް ކޮމިޓީން ނިންމާފައިވާ އިރު ޝަހުސު އޮޅުވާލުމުގެ މައްސަލާގައި އޭނާގެ މައްޗައްކޮށްފައިވާ ދަައުވާއާ ގުޅޭ ޝަރިއްޔަތެއް މިހާރު ކުރިޔަށް އެބަދެ އެވެ. ފާރިސް ހައްޔަރު ކުރީ އޭނާ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ. އޭނާގެ އެ މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.