އަންހެނުން

ކައިވެންޏަށް ތައްޔާރުވުމަކީ އެންމެ ބޮޑު ބޮލުރިހުންތަ؟

ޔަގީނުން ވެސް ކައިވެންޏަކީ ހަޔާތުގައި އަންނާނެ އެންމެ މުހިންމު އެއް ދުވަހެވެ. ހަޔާތުގައި އަންނާނެ އެންމެ ހާއްސަ ދެ ތިން ގަޑިއިރެވެ. އެންމެ އުފާވެރި އެއް ދުވަހަށް ވާނެކަން ވެސް ޔަގީނެވެ. އަދި ބޮލުގައި ނިކަން ގަދަ އަށް ރިއްސާނެ ދުވަހެއްކަން ވެސް ޔަގީނެވެ. މި ރިހުންގަނޑު އެންމެ ގަދަވާނީ ކައިވެނީގެ ހަފުލާގެ ތައްޔާރީގައި އުޅޭއިރުކަން ވެސް ޔަގީނެވެ. ކައިވެންޏަކަށް ތައްޔާރުވަމުންދާ ނަމަ ތިޔަ ބޭފުޅާ އަށް މިހާރު ވެސް މި ދަންނަވާ އިހްސާސްތައް ކުރެއްވޭނެ އެވެ.

ހަޔާތުގައި އަންނަ އެންމެ މުހިންމު އެއް ދުވަހަށް ކައިވެނީގެ ހަފުލާވުމަކީ މީގެ ރިހުން ބޮލުގައި ގަދަވާ މައިގަނޑު ސަބަބެވެ. ދިރާސާތަކުން ދައްކާ ގޮތުން މި ތައްޔާރީގެ ރިހުންގަނޑުގެ ވޭން އެންމެ ބޮޑަށް ތަހައްމަލްކުރާ ބަޔަކީ ފިރިހެން ކުދިންނެވެ. ސަބަބަކީ، ވެޑިން ޕްލޭނިންގެ ޕްރޮފެޝަނަލް ހިދުމަތް ނެތް މި ތަނުގައި ހުރިހާ ކަމެއް ފިރިހެން ކުއްޖާ އާއި އަންހެން ކުއްޖާ އަމިއްލަ އަށް ކުރަން ހަދައިގެން އެންމެފަހުން ފިރިހެން ކުއްޖާ، ފިރިހެނަކަށް ވާތީ ނަގަން ޖެހޭ ޒިންމާތައް ބޮޑުވެގެން ދިއުމެވެ. ވެޑިންއަކަށް ތައްޔާރުވާއިރު އަންހެން ކުދިންނަކަށް މާ ބޮޑު ކަންތައްތަކެއް ހަގީގަތުގައި ނުޖެހެ އެވެ. ވެޑިން ހެދުން ހެޔޮވަރުތޯ ބަލާލުން ފިޔަވައި ގިނަ އަންހެން ކުދިން ކުރާ ކަމެއް ވެސް ނޯވެ އެވެ.

އެހެންވީމަ، ވެޑިން އަކަށް ތައްޔާރުވާއިރު އެންމެ ބޮޑު ބޮލުރިހުމަކަށްވާ ކަންކަމަށް ބަލާލަމާ ހިނގާށެވެ. މި ލިސްޓްގެ އެންމެ ކުރީގައި މި އޮތީ ދައުވަތު ދޭން ޖެހޭ މީހުންގެ ލިސްޓެވެ. ކައިވެންޏަށް ދައުވަތު ދޭނެ މީހުންނާއި ނުދޭނެ މީހުން ކަނޑައެޅުމަކީ އެންމެ ގިނަ ވަގުތު ނަގާ އަދި އެކަމެއް ނިންމުމުގައި އެންމެ ގިނަ ކަޕްލްސްތައް ހާސްވާ ވަގުތެވެ. ދައުވަތު ދޭ މީހުންގެ ލިސްޓް ގިނަފަހަރު ހާހުން އަރައިގެން ދަނީ ވެސް މި ހާސްކަމުގައި ޒުވާން ދެ ލޯބިވެރިން ތާށިވުމުންނެވެ.

އާންމުކޮށް މި ރާއްޖޭގައި ވެޑިން ޕާޓީއެއް މި ބާއްވަނީ އަމިއްލަ ހިތްހަމަޖެހުމަށް ވުރެ ދެން ތިބި މީހުންގެ ހިތްހަމަޖެހުމަށް އިސްކަން ދީގެންނެވެ. ވެޑިން ޕާޓީގެ އަމާޒަކީ ދުރުގައި ތިބި މީހުން ކައިރިއަށް ގެނެސް އެންމެން ހިތްހަމަޖައްސައިގެން ދެ މީހުން އާ ފެށުމަކުން ހަޔާތުގެ ބުރު ފެށުމެވެ. މި އަސްލަށް ތަބާވުން މަޖުބޫރު ކަމަކަށް ވެފައި އޮތްއިރު ކިރިޔާ ވެސް މީހަކު ލިސްޓުން ކަޓާފާނެތީ އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެ އެވެ. އެހެން ނޫން ނަމަ އެންމެން ހިތްހަމަޖައްސައެއް ނުދެވޭނެ އެވެ.

މި ސަބަބާ ހެދި، ވެޑިންގެ ތައްޔާރީގައި އެންމެ އުނދަގޫ ބޮޑު ހިސާބަކީ ގެސްޓުންގެ ލިސްޓް ފައިނަލައިޒްކުރުން ކަމަށް ގިނަ މީހުން އެއްބަސްވެ އެވެ.

ދެން މި އޮތީ ޕާޓީ އަށް ދައުވަތު ދޭ މީހުންގެ ލިސްޓް ތަރުތީބުކުރާނެ ގޮތުގެ މައްސަލަ އެވެ. އެންމެ ކުރީގައި ތިބެން ޖެހޭނެ މީހުންނާއި އެންމެ ފަހަތުގައި ތިބެން ޖެހޭނެ މީހުން ނުވަތަ ފޮޓޯ އަށް އަރަން ޖެހޭ މީހުންނާއި އަރަން ނުޖެހޭ މީހުން ކަނޑައެޅުމަކީ ވެސް ނިންމަން އުނދަގޫވާ ކަމެކެވެ.

ޚަރަދަކީ އަނެއް ބޮޑު ބޮލުރިހުމެވެ. ވެޑިން ޑްރެސް އާއި ކޭކް އަދި ބެކްޑްރޮޕް ކަހަލަ އެއްޗެހި ބަހައްޓާފައި އެންމެ ފުރަތަމަ ކޭޓަރިންގެ ވާހަކަ އިން ފަށަމާ ހިނގާށެވެ. ތަފާތު އެކި އަގުތަކުގައި ވެޑިންތަކަށް ކޭޓާކޮށްދޭ ފަރާތްތައް މާލޭގައި އެބައުޅެ އެވެ. މި އެންމެން ވެސް ހަގީގަތުގައި ވަރަށް އަގު ބޮޑެވެ. ވެޑިން ހަފުލާތަކަށް މިފަދަ ތަންތަނުން އަގުކިޔާއިރު، ކައިވެނި ކުރާ ދެ މީހުން އެމީހުންގެ ވެޑިން ޕާޓީ ފުރިހަމަކުރުމަށް ދެން ކުރަން ޖެހޭ ޚަރަދުތަކަށް ކޭޓަރިންގެ ހިދުމަތްތެރިން ފަރުވާލެއް ވެސް ހަގީގަތުގައި ނުދެ އެވެ. އެހެންވީމަ ހުރިހާ ކަމަކަށް އެކަށީގެންވާ ބަޖެޓެއް ހޯދުން ވެސް ވަނީ، ކައިވެންޏަށް ތައްޔާރުވާ ދެ މީހުންނަށް ބޮޑު ދައްޗަކަށެވެ.

ކޭޓަރިން އަށް ފަހު އަދި ޕާޓީ ބާއްވާނެ ތަނެއް ވެސް ހޯދަން އެބަޖެހެ އެވެ. ދަރުބާރުގެ އަކީ އެންމެ އާންމު މައިދާނެވެ. ދެން އޮންނާނީ ކުއްޔަށް ނަގާ ތަނެއް ރީތިކުރުމުގެ މަރުހަލާ އެވެ. މިއީ އިނދެގެން ދެ މީހުން އާ އެޕާޓްމެންޓަކަށް ބަދަލުވާއިރު ކުރަން ޖެހޭ ހޭދަ އަށް ވުރެ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެކެވެ. ބެކްޑްރޮޕް ހަދައި މުޅި ޕާޓީގެ އެހެން ޑެކަރޭޝަންތަކާ އެކު ބިލު ދާނީ ބޮޑުވަމުންނެވެ.

އެހެންވީމަ ވެޑިން ޕާޓީއެއް އޭގެ ހުރިހާ މަރުހަލާތަކަކާ އެކު ބޭއްވުމަކީ ހަގީގަތުގައި ވަރަށް ވެސް ބޮޑު ޚަރަދެކެވެ. ދިރިއުޅުމުގެ މި ޚަރަދު ދުވަހަކު ވެސް ނުނިމޭނެ އެވެ. އިނދެގެން ދެ މީހުން އެކުގައި އާ އެޕާޓްމެންޓަކަށް ވެސް ބަދަލުވާން ޖެހޭނެ އެވެ. އެ އެޕާޓްމެންޓްގައި ނިދާނެ އެނދަކާއި ހެދުންލާނެ އަލަމާރިއެއް އަދި ކާނެ މޭޒެއް ވެސް ބޭނުންވާނެ އެވެ. މި ސިލްސިލާ އަކަށް ދުވަހަކު ވެސް ނިމުމެއް އަންނާނެ ހެއްޔެވެ؟

ދެން އޮތީ އެހެން ސުވާލެކެވެ. ހަޔާތެއް ފެށުމަށް މިވާ ގުރުބާނީގެ ފޮނި މީރުކަން ލިބެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ބައެއް މީހުން މަސް ދުވަސް ފަހުން ވަރިވަނީ އެވެ.