ބޮލީވުޑް

ކިޑްނީ ފެއިލްވެ، ދިލިޕް ކުމާރު އައިސީޔޫގައި

Aug 4, 2017

ކުރީގެ މަޝްހޫރު އެކްޓަރު ދިލިޕް ކުމާރުގެ ހާލުދެރަވެ ބުދަ ދުވަހުން ފެށިގެން އަންނަނީ މުމްބައި ލީލާވަތީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ޑީހައިޑްރޭޓްވެ އަދި ކިޑްނީގެ މައްސަލަތަކެއް ދިމާވެގެން ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ދެރަކަމުން އައިސީޔޫގައި ދިލިޕް ކުމާރަށް ފަރުވާދެމުން އަންނަކަން އެ ހޮސްޕިޓަލުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

އުމުރުން 94 އަހަރުގެ އެކްޓަރު ހޮސްޕިޓަލުގައި އެޑްމިޓްކުރި ފަހުން ހެދި ބައެއް ޓެސްޓްތަކުން އޭނާގެ ކިޑްނީ ފެއިލްވެފައިވާ ކަމުގެ އަލާމާތްތައް ފެންނަމުން އަންނަ ކަމަށް ފަރުވާދެމުން އަންނަ ޑޮކްޓަރުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

"ކްރިއެޓިނައިން ލެވެލް މަތިވަމުން ދަނީ، މިއީ ކިޑްނީ ފެއިލްވެފައިވާ ކަމުގެ ނިޝާނެއް. ދިލިޕްގެ އުމުރާ ބަލާފައި މިއީ ވަރަށް ސީރިއަސް ކަމެއް،" ލީލާވަތީ ހޮސްޕިޓަލުގެ ޑޮކްޓަރެއް ބުނެފައިވެ އެވެ.

ދިލިޕް ކުމާރުގެ ކިޑްނީ ފެއިލްވެފައިވާ ކަމަށް އޭނާ ބަލާ ޑޮކްޓަރުން ބުނަމުން އައި ނަަމަވެސް އަދި ޑައިލެސިސް ނަހަދާ ކަމަށްވެ އެވެ.

ކުރިން ދިލިޕް ކުމާރު ބެލި ޑޮކްޓަރުން އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުނި ނަމަވެސް ހެދި ބައެއް ޓެސްޓްތަކުުގެ ނަތީޖާ އަށް ފަހު ވަނީ އޮބްޒަވޭޝަންގައި ބާއްވަން ޖެހޭތީ އައިސީޔޫ އަށް ބަދަލުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ހާލު ރަނގަޅު ވަމުން އަންނަނަމަ ކޮޓަރި އަކަށް ބަދަލުކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދިލިޕް ކުމާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނާތީ އެކަމާ ގުޅިގެން އޭނާގެ އަންހެނުން އަދި ކުރީގެ ބަތަލާ ސާއިރާ ބަނޫ ވެސް ވަނީ ކުރިއަށް ވުރެން އެކްޓަރުގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން ދޫކޮށްލަން ހަމަޖެހިފައިވާ ތާރީހެއް އޭނާ ވެސް ހާމަކޮށްފައެއްނުވެ އެވެ.

ފާއިތުވި އަހަރުތަކުގައި ދިލިޕް ކުމާރު ވަރަށް ބަލިވެގެން އެކި ފަހަރު މަތިން ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދާފަ އެވެ. އެންމެފަހުން އޭނާ ފަރުވާ ހޯދާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މި ޖޫން މަހުގެ ތެރޭގައި ދިލިޕް ކުމާރު މަރުވެއްޖެ ކަމުގެ ހަބަރުތަކެއް ވަނީ ދެކެވިފަ އެވެ. އެ ވާހަކަ ދޮގުކޮށްފައިވަނީ އޭނާ ކުރި ޓްވީޓެއްގަ އެވެ.

ބޮލީވުޑްގެ ޓްރެޖެޑީ ކިންގް ގޮތުގައި މަޝްހޫރުވެފައިވާ އެކްޓަރު ދިލިޕް ކުމާރަކީ މިހާރު ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އޮންނަ "ޕިޝާވަރް" އަށް އުފަން މީހެކެވެ.

ހަތްދިހަ އަށް ވުރެން ގިނަ ހިންދީ ފިލްމު ކުޅެފައިވާ ދިލިޕް ކުމާރުގެ އެންމެ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި "ދޭވްދާސް" އާއި "މުގްލާއެ އާޒަމް" އާއި "ގަންގާ ޖަމުނާ" އަދި "މަދޫމަތީ" ފަދަ ފިލްމުތައް ހިމެނެ އެވެ.

އޭނާ އެންމެފަހުން ކުޅެފައިވާ ފިލްމަކީ 1998 ވަނަ އަހަރު ކުޅުނު "ގިލާ" އެވެ.