ގައުމުތައް މުއްސަނދިވެ ކުރިއަރައި ދިއުމުން އެންމެ އަވަހަށް ގެއްލޭ އެއް ކަމަކީ މީހުންގެ ހަރަކާތްތެރިކަމެވެ. ޓެކްނޮލޮޖީ އަތްފޯރަށް ފަށަށް އައިސް، ކަންނެތްކަން ކަން ވެރިވާތީއެވެ. 200 ވަރަކަށް ފޫޓަށް ވެސް ހިނގާފައި ދާން ބޭނުން ނުވާތީއެވެ.
ނަތީޖާއަކީ ލޭމައްޗަށް ދިއުމާއި ހަކުރުބަލި ފަދަ ގައިން ގަަޔަށް ނާރާ ބަލިތަކުގެ މީހުން ގިނަވުމެވެ. އެއަށް ވުރެވެސް ފާޅުކަން ބޮޑުކޮށް ފެންނަ ކަމަކީ އާދަޔާ ހިލާފަށް ފަލަވެ، ސިފަ ގެއްލިފައިވާ މީހުން ގިނަ ވުމެވެ. ޔޫރަޕްގެ މުއްސަނދި ގައުމުތަކާއި އެމެރިކާގައި ކަން އޮތީ މިހެންނެވެ.
ޔޫރަޕްގެ ސަގާފަތް އެހެން ސަރަހައްދުތަކުގެ މީހުން ވެސް ނަކަލު ކުރަމުން ދާއިރު އެ މައްސަލަ ނިސްބަތުން ކުޑަ ގައުމުތަކުގެ ތެރޭގައި ޖަޕާނާއި ޗައިނާ ހިމެނެއެވެ. އެގޮތުން ޗައިނާގެ މި އަންހެން މީހާއަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ ހިތްވާ މީހުންނަށް ހިތްވަރު ލިބޭ ފަދަ ނަމޫނާއެކެވެ.
އޭނާ އިންޓަނެޓްގައި ޝެއާކޮށްފަައިވާ ވީޑިއޯތަކަށް ޗައިނާގައި ވަނީ އާދަޔާ ހިލާފަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ. ޗައިނާ ޕީޕަލްސް ޑެެއިލީ ނޫހުން ބުނީ އުމުރުން 85 އަހަރު ވެފައިވާ މި އަންހެންމީހާ ކޮންމެ ދުވަހަކު ގަވައިދުން ކުރާ ކަސްރަތުގެ ވީޑިއޯތައް ޝެއާކޮށް، " އިންޓަނެޓް ކައްކުވާލައިފާ ކަމަށެވެ.
ޕީޕަލްސް ޑެއިލީ ނޫހުގެ ޓްވިޓާ ހޭންޑްލް އިން ހިއްސާކޮށްފައިވާ ވީޑިއޯއަށް މީހުން ކޮށްފައިވާ ކޮމެންޓްތަކުން ވެސް އެކަން އެނގެއެވެ. ކޮމެންޓްކުރި ބައެެއް ޒުވާނުން ބުނެފައި ވަނީ އެމީހުން ތިބި ބައްޓަމަށް ވުރެ މުސްކުޅިޔާގެ ބައްޓަން މާ ރީތި ކަމަށެވެ. އަނެއް ބަޔަކު ބުނެފައި ވަނީ އޭނާއަކީ " އިންސްޕިރޭޝަން" އެއް ކަމަށެވެ. އޭނާގެ އެ އާދަތައް ދަސްކުރަން ބޭނުންވާ ކަމަށް ވެސް ކޮމެންޓްކުރި ބައެއް މީހުން ބުނެފައި ވެއެވެ.