ބޮލީވުޑް

"ޕަދްމާވަތީ" ރިލީޒްކުރަން އަނެއްކާ ވެސް ލަސްކުރަނީ

Aug 5, 2017

ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާ ފިލްމު، "ޕަދްމާވަތީ" ގެ ޝޫޓިން ބާރަށް ކުރިއަށްދާއިރު، ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 17 ގަ އެވެ.

ބަންސާލީ މީގެކުރިން އުފެއްދި ދެ ފިލްމެއްގެ ލީޑްރޯލުން ފެނިގެން ގޮސްފައިވާ ޖޯޑު ކަމަށްވާ ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯން ލީޑްރޯލުން އަދި މުހިންމު ރޯލަކުން ޝާހިދު ކަޕޫރު ފެނިގެންދާ މި ފިލްމު ނޮވެމްބަރުގައި ރިލީޒްކުރަން ނިންމާފައި އޮތް ނަމަވެސް އަންނަ އަހަރުގެ މެދު ތެރޭގައި ރިލީޒްކުރާ ގޮތަށް ބަދަލުކުރަން ބަންސާލީ ވިސްނުން ގެންގުޅޭ ކަމަށް ހަބަރުތައް ބުނެ އެވެ.

ބަންސާލީ ފިލްމު ރިލީޒްކުރަން އަންނަ އަހަރަށް ފަސްކުރަން ބޭނުންވާތީ އެކަމާ އޭނާ އާއި ފިލްމުގެ އަނެއް ޕްރޮޑިއުސަރާ ދެމެދު ހިޔާލު ތަފާތުވުން ތަކެއް އުޅޭ ކަމަށްވެ އެވެ.

އެގޮތުން ބަންސާލީ ބޭނުންވަނީ އަންނަ އަހަރުގެ ކާން ފިލްމު ފެސްޓިވަލްގައި ފިލްމު ޕްރިމިއާ ކުރާށެވެ. ނަމަވެސް ފިލްމުގެ ދެވަނަ ޕްރޮޑިއުސަރު، ވިއަކޮމް 18 އަށް ފިލްމު ރިލީޒްކުރުން އެހާ ގިނަ ދުވަހަށް ލަސްކުރާކަށް ގަބޫލެއްނޫނެވެ.

ފިލްމުގެ ޝޫޓިން ފެށި ފަހުން ފިލްމުގެ ވާހަކައާ ގުޅިގެން ބަޔަކު ފިލްމުގެ ސެޓަށް ދެ ފަހަރެއްގެ މަތިން ވަނީ ގެއްލުންދީފަ އެވެ. އެކަމުން ސަބަބާއެކު ފިލްމު އިތުރަށް ލަސްކޮށްފިނަމަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ވިއަކޮމް ބުނެ އެވެ. އަދި މިހާރު ވެސް ބަޖެޓްކުރި ވަރަށް ވުރެން ފިލްމުގެ ހަރަދުތައް ވަނީ ބޮޑުވެފަ އެވެ.

ފިލްމަށް ސެޓަށް ޖަމާއަތަކުން ދިން ގެއްލުމުގެ ސަބަބުން ޝޫޓިން މުމްބައިގެ ފިލްމު ސިޓީގައި ނަގަން ފަށައި ވަނީ ސެކިއުރިޓީ ދެ ގުނަ ވަރުގަދަކޮށްފަ އެވެ. ޝޫޓިންގެ ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅިގެން ފިލްމުގެ ބަޖެޓު ވަނީ 190 ކްރޯޑަށް ވުރެން ބޮޑުވެފަ އެވެ.

މި މަސް ނިމެންވާއިރަށް ދިޕިކާ ފިލްމުގައި ނަގަންޖެހޭ ހުރިހާ މަންޒަރެއް ނަގައި ނިންމާނެ އެވެ. އަދި އޭނާ ވަރަށް އަވަހަށް އެހެން ފިލްމުތަކުގެ މަސައްކަތް ވެސް ފަށާނެ ކަމަށްވެ އެވެ.