ސްރީލަންކާގައި މިހާރު ފެންމަތިވެގެން އުޅޭ ފަސާދައިގެ ބޮޑު މައްސަލައެެއްގެ ނާރެހަށް ވެފައިވާ ކުންފުންޏަކުން އެގައުމުގެ ފޮރިން މިނިސްޓަރުގެ އެޕާޓްމަންޓަކަށް ކުލި ދައްކާކަމަށް ތުހުމަތުކޮށް، އިދިކޮޅުފަރާތްތަކުން އޭނާގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.
ލަންކާ ފޮރިން މިނިސްޓަރު ރަވީ ކަރުނަޔަކެ އިސްތިއުފާ ދެއްވަން އެގައުމުގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ އެންގެވިކަމަށް ވެސް އިއްޔެގައި އަޑުފެތުރުނެވެ. ނަމަވެސް އޭނާ ވަނީ އެވާހަކަ އިއްޔެގައިމެ ދޮގުކުރައްވާފައެވެ.
ކަރުނަޔަކެ ކުއްޔަށް ހިއްޕަވާފައިވާ ލަގްޒަރީ އެޕާޓްމަންޓަކަށް ކުލި ދެއްކި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކުންފުންޏަކީ ލަންކާ ސަރުކާރުން 2015 ވަނަ އަހަރު ވިއްކި ބޮންޑުގެ ދެބައިކުޅަ އެއްބައި ގަތް ކުންފުންޏެވެ. ޕާޕެޗުއަލް ޓްރެޒަރީސް ލިމިޓެޑް ނަމަކަށް ކިޔާ އެކުންފުންޏަށް ބޮންޑުތަކުގެ ދެބައިކުޅަ އެއްބައި ވިއްކި އިރު އެ ކުންފުންޏަކީ ލަންކާ ސެންޓްރަލް ބޭންކްގެ އޭރުގެ ގަވާނާ އަރުޖުނާ މަހެންދުރަންގެ ދަނބިދަރިއަކުން ހިންގަމުން އަންނަ ކުންފުންޏެއްގެ ސަބްސިޑަޔަރީއެކެވެ.
މަަސްލަހަތު ފުށުއަރާގޮތަށް ކޮށްފައިވާ އެ މުއާމަލާތުގެ މައްސަލަ ލަންކާ ރައީސް އުފެއްދެވި ކޮމިޝަނަކުން މިހާރު ވަނީ ބަލަން ފަށާފައެވެ. އަދި އެގައުމުގެ ސެންޓްރަލް ބޭންކުން ވެސް މިހާރު ވަނީ އެކުންފުނީގެ މަސަައްކަތްތައް ހުއްޓުވާފައެވެ.
އެ މުއާމަލާތައް ހިންގި އިރު ރަވީ ކަރުނަޔަކެ ހުންނެވީ ފިނޭންސް މިނިސްޓަރުކަމުގައެވެ. ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އޭނާ ވަނީ މިއަހަރު މޭމަހު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައެވެ.