ހަބަރު

ގާސިމްގެ މައްސަލަ އަލުން ކޯޓުން ބަލަނީ ގާނޫނާ ހިލާފަށް: ވަކީލުން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ މައްޗަށް މިހާރު ހިންގަމުން ގެންދާ ޝަރީއަތް، މީގެ ކުރިން ކުރިމިނަލް ކޯޓުން ބާތިލް ކޮށްފައިވަނިކޮށް އެ މައްސަލަ އަލުން ކޯޓަށް ވައްދައިގެން ނުބެލޭނެ ކަމަށް ގާސިމްގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ގާނޫނީ ވަކީލުން މިއަދު ނެރުނު ނޫސް ވަޔާނެއްގައި ބުނެފައިވަނީ، މިދިޔަ މަހު 10 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހުނު ގާސިމްގެ ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުގެ ސަބަބުން އެ މައްސަލަ ކުރިމިނަލް ކޯޓުން ބާތިލް ކޮށްފައިވަނިކޮށް އެ މައްސަލަ އަލުން ކޯޓަށް ހށަހެޅުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަތައް ބަލައިގަނެ ކުރިއަށް ގެންދިއުމަކީ އެއްވެސް ގޮތަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ގާނޫނީ ވަކީލުން އަދި ބުނީ ކުރިމިނަލް ކޯޓުގެ އެއްވެސް ގަވާއިދެއްގައި ބާތިލް ކުރި މައްސަލައެއް ކުރިން ގޮސްފައިވާ ހިސާބާ ގުޅުވާލައިގެން އަލުން އެ މައްސަލަ ބެލޭނެ ކަން ބަޔާން ކޮށްފައިނުވާ ކަމަށާއި އެކަމާއި ގުޅޭ ގޮތުން ކުރިމިނަލް ކޯޓުގެ އާންމު މަޖިލީހުން ނިންމާފައިވާ ނިންމުމުގެ ކޮޕީއެއް ހޯދުމަށް އެދި ސިޓީއެއްވެސް މިއަދު ފޮނުވާފައިވާ ކަމަށެވެ.

"ކޯޓުން ބާތިލް ކޮށްފައިވާ މައްސަލައެއް އެމައްސަލައެއް ބާތިލް ކުރި ކޯޓަށް އަލުން ހުށަހެޅުމުގެ ގާނޫނީ އަސާސެއް އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނެތްހިނދު، އަދި ޕީޖީ އޭނާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ގާނޫނު އަސާސީއާއި ގާނޫނު ތަކަށް ތަބާވުމަށް ލާޒިމްކޮށްފައިވާ ހިނދު މިފަދަ ގޮތަކަށް އެއްވެސް ފަރާތަކާއި މެދު އަމަލު ކުރުމަކީ ގަބޫލު ކުރެވޭނެ އިންސާފުވެރި ހަމައެއް ނޫން،" ބަޔާނުގައި ވެއެވެ.

ގާސިމްގެ މައްސަލަތައް އަލުން ކޯޓަށް ވައްދާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ، ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ.