ހުކުމެއް ތަންފީޒު ކުރަން ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މައިބަދައިގެ އާލާސްކަންފުޅަށް ފަރުވާ ކުރުމަށްފަހު އަލުން ޖަލަށް ބަދަލު ކުރިކަން އެނގިފައިނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
އާއިލާއިން ބުނީ މުހުތާޒް ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށްފަހު ޖަލަށް ބަދަލު ކުރިކަން އެނގިފައިނުވާ ކަމަށާއި ބަންދުގައި ބަހައްޓަފާއި ހުރި ޖަލެއް ގެންގޮސްފައިވާ ތަނެއް ހޯދަން ކުރި މަސައްކަތުން އެކަން އެނގިފައި ނުވާ ކަމަށެވެ. އަދި ގާނޫނުގައި ބަންދު ކުރެވިފައިވާ ތަން އެމީހެއްގެ އާއިލާއަށް އަންގަން ޖެހޭ ކަމަށާއި ނަމަވެސް އެކަން އަންގާފައި ނުވާ ކަމަށް އާއިލާއިން ބުންޏެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން ވިދާޅުވީ ފަރުވާއަށް ފަހު މުހުތާޒް އަލުން މިރޭ ޖަލަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ގެންގޮސްފައިވަނީ ކޮން ޖަލަކަށް ކަމެއް ސާފެއް ނުވެ އެވެ.
މުހުތާޒްގެ ވަކީލް ޝާދިޔާ ވިދާޅުވީ ފަރުވާއަށް މާލެ ގެނައިކަން މީގެ ކުރިން އާއިލާއަށް އަންގާފައިވާ ކަމަށާއި ނަމަވެސް ފަރުވާއަށް ފަހު އަނބުރާ ޖަލަށް ގެންދިޔަކަން އާއިލާއަށް އަންގާފައި ނުވާ ކަމަށެވެ. އަދި އާއިލާއަށް އެކަން އެންގުން ލާޒިމް ކުރާ ކަމަށާއި ނަމަވެސް ކުރި މަސައްކަތުން އޭނާ ގެންގޮސްފައިވަނީ ކޮން ތަނަކަށް ކަމެއް އެނގިފައި ނުވާ ކަމަށެވެ.
"ކުރިން ފަހަރުވެސް ފަރުވާއަށް މާލެ ގެނެސް މާ ގިނަ އިރުތަކެއް ނުވެ އާއިލާއަށް އަންގާފައިވޭ. އެކަމަކު މިފަހަރު ޖަލަށް ބަދަލު ކުރި އިރު އެކަން އާއިލާއަށް އަންގާފައެއް ނުވޭ. އެކްސްޕެކްޓް ކުރީ ކުރިން ފަހަރުވެސް އެންގީމަ މިފަހަރުވެސް އަންގާނެ ކަމަށް" ޝާދިޔާ ވިދާޅުވި އެވެ.
މުހުތާޒް ކުރިންސުރެ ތަހައްމަލް ކުރައްވާ މައިބަދައިގެ އާލާސްކަންފުޅެއް ބޮޑުވެގެން، އެކަަމަށް ފަރުވާ ކުރަން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން އެޑްމިޓް ކޮށްފައިވަނީ މިދިޔަ މަހު 22 ހުގައި އެވެ. އޭނާ އެޑްމިޓް ކުރީ މައިބަދައިގެ އާލާސްކަންފުޅަކަށް ޖަހަން ޖެހޭ އިންޖެކްޝަނެއް ޖަހަން އޭޑީކޭގެ ޑޮކްޓަރުން ލަފާ ދެއްވައިގެން ނެވެ. މުހުތާޒް 17 އަހަރަށް ޖަލަށްލީ ސައްހަ ނޫން ކޯޓް އަމުރެއް ހެދި މައްސަލައެއްގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. އޭނާ ޖަލަށް ލުމަަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.