ހަބަރު

ރާއްޖެއަށް ބޭނުންވަނީ އެެއްބައިވަންތަކަމުގެ ސަރުކާރެއް: ނަޝީދު

ރާއްޖޭގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅުވުމަށް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ.

" ރާއްޖޭގެ ބަދަލުވާނެ ރަނގަޅު ހާލަތަކަށް. ސިޔާސީ މަޝްރަހު ހަމައަކަށް އެޅުވުމަށް އަހަރެމެންނަށް ގައުމީ އެއްބައިވަންތަކަމުޔގެ ސަރުކާރެއް ބޭނުންވޭ އަދި މުއައްސަސާތަކުގެ ހަރުދަނާކަން ވެސް ދަމަހައްޓަން ޖެހޭ،" ޓްވީޓްގައި ރައީ ނަޝީދު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ނިމުކަކަށް ގެންނެވުމާ ބެހޭ ގޮތުން ރައީސް ނަޝީދު ވަނީ ފަހަކަށް އައިސް ގިނަ ވާހަކަފުޅުތަކެއް ދައްކަވާފައެވެ. އެގޮތުން ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާ މެދު ސަރަހައްދީ ބާރުތަކުން އަޅައި ނުލާތީ ރައީސް ނަޝީދު ކުރިން ވަނީ އެކަމާ ޝަކުވާ ކުރައްވާފައެވެ.

ޓައިމްސް އޮފް އިންޑިއާ(ޓީއޯއައި) ނޫހަށް ދާދި ފަހުން ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ސަރަހައްދީ ބާރުތައް ހިމޭނުން ތިބޭ ނަމަ ރާއްޖޭގައި މިހާރު އުފެދިފައިވާ މައްސަލަތަކާއި ހަމަނުޖެހުން ކޮންޓުރޯލުން ނެއްޓިގެން ހިނގައިދާނެ ކަމަށެވެ.

"ކަންބޮޑުވާ ކަމެއް އެއީ، ރަތްރޮނގުތައް ހުރަސްކުރީމަވެސް ސަރަހައްދީ ބާރުތައް ހިމޭނުން އަދި ހަރަކާތެއް ނެތި ތިބުމަކީ، އެއީ އެގޮތަށް ކަންތައް ކުރުމުން މައްސަލަގަނޑާއި ހަމަނުޖެހުން ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެތީ،" ނަޝީދު ވިދާޅުވި ކަަމަށް ނޫހުގައި ވެއެވެ.

ރައީސުލް ޖުމްހޫިރއްޔާ އަބުދުﷲ ޔާމީނު ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅުއްވަމުން ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުން ޓީއޯ އަށް ދެއްވި އިންޓަވިއުގައި ވެސް ތަކުރާރުކުރައްވާފައި ވެއެވެ. ރައީސް ޔާމީނު ގެންދަވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ބުރޫ އަރާ ފަދަ ގުޅުންތައް ގާއިމް ކުރައްވަމުން ކަމަށް ވެސް ނަޝީދު ތުހުމަތު ކުރައްވާފައި ވެއެވެ.

"ގާނޫނަށް ނުވަތަ ގާނޫނު އަސާސީއަށް އިހުތިރާމް ކުރައްވަން އުޅުއްވާ ކަމަށް ޔާމީނު މިހާރު ނުވެސް ހައްދަވާ، ދީނީ ހައްދުފަހައެޅުމަށް އެމަނިކުފާނު ދެއްވަނީ ކަނުލޮލެއް. އަދި ޖާގަ ދެއްވަމުން ގެންދަވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ހުރަސް އެޅޭ ފަދަ ގުޅުންތަކަށް،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އަންނަ 2018 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އިންޑިއާގެ އެހީ ހޯދުމަށް އިދިކޮޅު އެމްޑީޕީއާއި އެހެން ފަރާތްތަކުން "ޗައިނާގެ ނުފޫޒުގެ ބިރު" އިންޑިއާއަށް ދައްކާތީ ޓީއޯއިން ވަނީ އެކަން ފާހަގަކޮށްފަ އެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައި ވަނިކޮށް، ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ފޮނުވި ފަހުން ރައީސް ނަޝީދު ދިރިއުޅުއްވަނީ އެގައުމުގަ އެވެ.