ހަބަރު

ގުދަނެއްގައި ރޯވެ 22 މީހުންނަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހުރި އަމީން ކުންފުނީގެ ގުދަނެއްގައި ރޯވެގެން ސިފައިންގެ ފަޔަ ފައިޓަރުން ހަރަކާތްތެރިވާން ފަށައިފި އެވެ. އެ އަލިފާނުގައި ފިހިފައިވަނީ ބިދޭސީން ތަކެކެވެ. އާސަންދަ ކުންފުނިން ބުނީ އަނިޔާވި މީހުންގެ އަދަދު 22 އަށް އަރާ ކަމަށެވެ. އަދި އެ ހުރިހާ މީހުންނަކީވެސް ބިދޭސީންނެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެތަނުގައި ތެރެއިން ނެރުނު ބައެއް ބިދޭސީގެ އެކި ތަންތަން ފިހި ވަނީ އަނިޔާވެފަ އެވެ. އެ މީހުން މިހާރު ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީން ތަކަކަށް އެ ހޮސްޕިޓަލުން އަންނަނީ ފަރުވާދެމުން އެވެ. އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ސިފައިން ބުނީ މިރޭ 12:30 އެހާކަން ހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަނީ، ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި ހުރި އަމީން ކުންފުނީގެ ގުދަނެއްގައި އަލިފާން ހިފައި އަނދަމުން ދާތީ ކަމަށެވެ. އެ އިމާރާތަކީ ހަތަރު ބުރިއަށް ހަދާފައިހުރި އިމާރާތެއް ކަމަށްވެ އެވެ. އަލިފާން ރޯވެފައި ވަނީ ހަތަރު ވަނަ ފްލޯގަ އެވެ.

އެމްއެންޑީއެފުން ބުނީ އެ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލް ކުރަން އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް އަދިވެސް އެ އިމާރާތުން ވަރަށް ބޮޑަށް ދުން އަރަމުންދެ އެވެ.

އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ހާލު ބޮޑުވި ނުވަ މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރެއިން ތިން މީހުންނަކީ ވަރަށް ފަހުން އެ އިމާރާތުގެ ތެރެއިން ނެރުނު މީހުން ކަމަށާއި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެ އިމާރާތުގެ ތިރީގައި ގުދަން ހުންނައިރު މަތީބަޔަކީ ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކެކެވެ.

*އެޑިޓަރުގެ ނޯޓް: މި ހަބަރުގައި ކުރިން ދަމާސްގެ ގުދަނެއްގައި ރޯވި ކަމަށް ޖެހިފައިވަނީ އެމްއެންޑީއެފުން އެގޮތަށް މައުލޫމާތު ދިނުމުން އެވެ. ރަނގަޅު ގޮތަކީ ރޯވީ އަމީން ކޮންސްޓްރަކްޝަންގެ ގުދަނެއްގަ އެވެ. ވީމާ އެ ކުށަށް ދަމާސް ކުންފުންޏާއި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.