ވިޔަފާރި

ގެސްޓްހައުސް ކޮންފަރެންސުގައި ބައިވެރިވުން މިމަހުގެ ނިޔަލަށް

ސެޕްޓެމްބަރު މަހު ބާއްވާ، " މޯލްޑިވްސް ގެސްޓްހައުސް ކޮންފަރެންސް 2017" ގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އޮންނާނެ ކަމަށް ފެއާ އިންތިޒާމުކުރާ ކުންފުނިން ބުނެފި އެވެ.

ގެސްޓްހައުސް ކޮންފަރެންސް އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނީ މި އަހަރުގެ ގެސްޓްހައުސް ކޮންފަރެންސުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އޮންނައިރު، މި އަހަރުވެސް ތަފާތު ތަކެއް ފެންނާނެ ކަމަށެވެ.

"މި އަހަރު އެއް ތަފާތަކަށްވާނެ 50 ޓުއާ އޮޕަރޭޓަރުން [ރާއްޖެ، ރާއްޖޭން ބޭރުން] ގެނައުން. މީގެ އިތުރުން 200 ގެސްޓްހައުސް ބައިވެރިވުން. މިހާރުވެސް ގިނަ ގެސްޓްހައުސްތަކެއް ވަނީ ބައިވެރިވެފައި،" ފުރަތަމަ ފަހަރަށް މޯލްޑިވްސް ގެޓަވޭސް އިން ބުނެފައިވެ އެވެ.

އެ ކުންފުނިން ވަނީ މި އަހަރުގެ ގެސްޓްހައުސް ކޮންފަރެންސަށް ދާ ގެސްޓްހައުސްތަށް ދުނިޔޭގެ އެންމެ ބޮޑު 10 ޓޫރިޒަމް ފެއާގައި ހިލޭ އިޝްތިހާރު ކުރަން ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ ގެސްޓްހައުސްތައް ޕްރޮމޯޓް ކުރުމަށް ބައިވެރިވާ ފެއާތަކުގެ ތެރޭގައި އައިޓީބީ އާއި ޑަބްލިއުޓީއެމް އަދި އިންޑިޔާގެ އޯޓީއެމް އާއި އެރެބިއަން ޓްރެވަލް މާޓު ފަދަ ފެއާތައް ހިމެނެ އެވެ. މި ފެއާތަކުގައި ދުނިޔޭގެ އެކި ހިސާބުތަކުން މެގަޒިން 5،000 އަށްވުރެ ގިނަ އެޖެންޓުންނަށް މައުލޫމާތު ލިބިގެންދާނެ އެވެ.