ވިޔަފާރި

ބޮޑެތި ގެސްޓްހައުސްތަކާއެކު މާފުށީ އެނދުގެ އަދަދު 1600 އަށް!

Feb 18, 2017
2
  • މި އަހަރު އާ ގެސްޓްހައުސްތަކެއް ހުޅުވަނީ
  • 361 އެނދު އިތުރުވާނެ
  • ހާހެއްހާ އެނދު މިހާރު ވެސް އެބަހުރި

މާފުށީ ގެސްޓް ހައުސް އެނދުގެ އަދަދު އަންނަ އަހަރު 1600 އަށް ވުރެ އިތުރު ވާނެ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

"އަވަސް" އަށް ލިބިފައިވާ މާފުށީ ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް މާފުށީގެ 503 ކޮޓަރީގައި 1024 އެނދު އެބަހުއްޓެވެ. އަދި މި އަހަރު 101 ރޫމާއެކު 222 އެނދު އިތުރުވާނެ އެވެ. މި އަހަރު އެ ރަށުގައި ހުޅުވާނެ ބޮޑެތި ބައެއް ގެސްޓްހައުސްތަކުގެ ތެރޭގައި 56 ކޮޓަރީގެ ކާނި ގްރޭންޑް ސީވިއު ފާހަގަ ކުރެ އެވެ.

މާފުށީ ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރު ކާނި ހޮޓެލް އާއި އެރީނާ ފަދަ ކުންފުނިތަކުން ހޮޓާތައް ހުޅުވާނެ އެވެ. މި ކުންފުނިތަކުން ހުޅުވާ ހޮޓާތަކާއެކު 771 ކޮޓަރި އިތުރު ވެގެންދާނެ އެވެ. އަދި އެނދުގެ އަދަދު 1،607 އަށް އިތުރުވާނެ އެވެ.

ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ މާފުށްޓަށް މަހެއްގެ މައްޗަށް 10 މިލިއަން ޑޮލަރު ލިބޭ ކަމަށް ލަފާކުރެ އެވެ. އަދި އާ އަހަރު ފާހަގަ ކުރުމަށްވެސް 800 އެއްހާ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.