އަވަށްޓެރި އިންޑިޔާގައި ބާއްވާ "އޯޓީއެމް" އާއި "އައިއިޓީއެމް" ފެއާ މުޅި ޓޫރިޒަމް ދާއިރާ ދަންނާނެ އެވެ. އަދި މި މިއަށްވުރެ ރާއްޖެއާ ދުރަށް ދުރަށް ޖެހިލާނަމަ "އެރެބިއަން ޓްރެވަލް މާޓް" މެދުއިރުމަތީގައި އޮންނަ އެންމެ މަގުބޫލު ޓްރެވަލް ފެއާ އެވެ. މިފެއާތަކުގެ ސަބަބުން އެ ގައުމުތަކަށް ގިނަ ފައިދާތަކެއް ކުރެ އެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމަށް 44 އަހަރު ފުރި 45 އަހަރަށް ފައި ނަގާއިރު މިފަދަ އެއްވެސް ކަމެއް ރާއްޖެއަކު ނެތެވެ. މިއީ ކިހާ މުހިންމު ކަމެއް ހެއްޔެވެ؟ ރާއްޖެ އަށް ޓޫރިޒަމް ފެއާއެއް މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟
"ރާއްޖޭގެ ޓޫރިޒަމަށް މިހާރު ބަލާއިރު އެންމެ މުހިންމު އެއް ކަމަކީ ޓޫރިޒަމް ފެއާއެއް ރާއްޖޭގައި އިންތިޒާމުކުރުމަކީ،" ރާއްޖޭގެ ޓޫރިޒަމް އެއް ބާނީ ކަމަށްވާ މަޝްހޫރު ވިޔަފާރިވެރިޔާ، ޗަމްޕާ ހުސެއިން އަފީފު ވިދާޅުވި އެވެ.
ޓޫރިޒަމް ފެއާތައް ދުނިޔޭގެ އެކި ގައުމުތަކުގައި އިންތިޒާމު ކުރުމުގެ މައިގަނޑު ސަބަބަކީ ގައުމު ޕްރޮމޯޓް ކުރުމެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި އުޅޭ ވިޔަފާރިތަކަށް މީގެން ލިބޭ ފައިދާ ގެނެސް ދިނުމެވެ. މި ފަދަ ފެއާތަށް އިންތިޒާމު ކުރުމުގެ ލިބޭ އެއް ފައިދާއަކީ ގައުމުގެ މަގުބޫލުކަން މަތިވުމެވެ. ފެއާ އިންތިޒާމުކުރާ ފަރާތުން ގިނަ އަދަދެއްގެ ޓުއާ އޮޕަރޭޓަރުން ގެނައުމުން އެ މީހުންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން ބައްދަލުވެ ގުޅުން ބަދަހިވާން ފުރުސަތަކަށްވެ އެވެ. މީގެ އިތުރުން އަނެއް ފައިދާ ލިބޭނީ ޓޫރިޒަމް ދާއިރާގައި އުޅޭ ކުދި ވިޔަފާރި ތަކަށް ހުޅުވޭ ދޮރުތަކެވެ.
ޓޫރިޒަމްގައި އުޅޭ ހުރިހާ ކުންފުނި ތަކަކީ ބޭރުގެ ފެއާތަކަށް ގޮސް އެ މީހުންގެ ޕްރޮޑަކްތައް ވިއްކޭ ފަދަ މާލީ ގާބިލްކަން ހުރި ކުންފުނިތަކަކަށް ނުވެ އެވެ. އެހެންވެ ގައުމުތަކުގައި ފެއާތައް އިންތިޒާމު ކުރުމުން މިފަދަ ކުންފުނިތަކަށް ވެސް ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ދޮރު އުޅުވިގެން ދެ އެވެ. މީގެ އިތުރުން ރާއްޖެއަށް މިފަދަ ފެއާއެއް މުހިންމުވާ އަނެއް ސަބަބަކީ ރާއްޖޭގެ ފުޅާވަމުންދާ ޓޫރިޒަމަށް ޕްރޮމޯޓް ކުރުމެވެ.
ސަރުކާރުން ދަނީ މި ދައުރުގައި އިތުރު 50 ރިސޯޓު މާކެޓަށް ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރު 11 ރިސޯޓެއް ވަނީ ހުޅުވިފަ އެވެ. އަދި މި އަހަރު ވެސް އިތުރު ރިސޯޓުތަކެއް ހުޅުވާނެ އެވެ. އެހެންވެ މިފަދަ ފެއާއެއްގެ މުހިންމުކަން ރާއްޖެއަށް މުހިންމުކަން ބޮޑެވެ. ސަބަބަކީ ފަޅުތައް ހިއްކައިގެން ގިނަ ރިސޯޓުތަކެއް މާކެޓަށް ނެރޭއިރު މި ތަންތަނުގެ އޮކިއުޕެންސީ ހިފެހެއްޓުމެވެ.
ޓީޓީއެމް ފެއާ ބާއްވަނީ މިހެންވެ!
ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ ނަމުގައި ފެއާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ވެސް މިއީ އެވެ. ޓީޓީއެމް ފެއާ ބާއްވަނީ ފެއާ ބާއްވައިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ދެ މިލިއަން ޓޫރިސްޓުން ރާއްޖެ އަށް ގެނައުމަށެވެ. އަދި މީގެ ސަބަބުން ދައުލަތުގެ އާމްދަނީ 3.5 ބިލިއަނަށް އުފުލައިލުމަކީވެސް ފެއާ އިންތިޒާމު ކުރުމުގެ އެއް މަގުސަދެވެ. މި އިވެންޓު ބާއްވަނީ މިމަހުގެ 12-13 ދެދުވަހު އެވެ.
މި ފެއާއަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސް ވެރިން އަދި 50 ނޫސްވެރިންނާއި ޕީއާރު ފާމްތަކުން ބައިވެރިވާނެ އެވެ. މި ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްއިން ވަނީ މި ފެއާ ޕްރޮމޯޓް ކުރަން ދުނިޔޭގެ ގިނަ ގައުމުތަކަށް ދަތުރުކޮށް، ފެއާތަކުގައި ބައިވެރިވެފަ އެވެ.
ދެން އޮތް ސުވާލަކީ މިގޮތަށް އެންމެ ފެއާއެއް ބާވައިގެން މަގުސަދު ހާސިލްވާނެތޯ ކުރެވޭ ސުވާލެވެ. ފަހަރުގައި ފުރަތަމަ ފެއާއިން މަގުސަދު ހާސިލް ނުވެދާނެ އެވެ.ނަމަވެސް މިފެއާ ކާމިޔާބުކަމާއެކު ބޭއްވިއްޖެނަމަ ރާއްޖޭގެ މަރުކާއެއް އުފަންވާނެއެވެ. ނަތީޖާއަކީ ކޮންމެ އަހަރު މި އިވެންޓު ބާވައިފިނަމަ އެހެން ފެއާތައް ގޮތަށް ދުނިޔޭގެ ޓޫރިޒަމްގެ ދުރުމި ރާއްޖެއަށް އަމާޒުވުމެވެ. މިހެންވެ ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ޓީޓީއެމް ފެއާގައި ވަނީ ބައިވެރިވެ އެވެ. އަދި މިފެއާއަށް "ޕޮޒިޓިވް ނަޒަރަކުން" ބަލަނީވެސް މިހެންވެ އެވެ.
ޓީޓީއެމް ފެއާ ބެހޭ ގޮތުން ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކު (އެމްޔޫމަނިކު) ވިދާޅުވީ ޓީޓީއެމް ފެއާއަކީ މި ވަގުތަށް ރާއްޖެއަށް މުހިންމުކަން ބޮޑު ޓޫރިޒަމް ފެއާއެއް ކަމަށެވެ.
"ރާއްޖޭގެ ޓޫރިޒަމަކަށް މިފަދަ ފެއާއެއްގެ މުހިންމުކަން ވަރަށް ބޮޑު. ހާއްސަކޮށް ޕްރައިވެޓް ސެކްޓާއިން މިފަދަ ކަމެއް އިންތިޒާމު ކުރާތީ އެކަމަށް މަޓީ [މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް] އިން އެއްބާރުލުން ދޭން ބޭނުންވޭ. މިފަދަ ފެއާއެއް އިތުރަށް ކުރިއަރުވަން ބޭނުންވޭ،" މަޓީގެ ޗެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ އެމްޔޫމަނިކު ވިދާޅުވި އެވެ.
ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ (މަޓާޓޯ) އިން ވެސް ބުނެފައިވާ ގޮތުގައި މިފަދަ އިވެންޓުތައް ރާއްޖޭގައި ބާއްވަން ޖެހެ އެވެ.
މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ ހުރިހާ ފަރާތްތަކުން މިފަދަ އިވެންޓުތަކަށް ފުރިހަމަ އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އަދި މިފަދަ އިވެންޓެއް ބާއްވާއިރު ފުރިހަމައަށް ބޭއްވުން މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިފަދަ ފެއާއެއް ރާއްޖޭގައި ބާއްވަން ޖެހޭ ކަމަށް އަބަދުވެސް އަޅުގަނޑުމެން ބުނާ ވާހަކައެއް މިއީ. ހާއްސަކޮށް މިފަދަ ހަރަކާތެއް ބާއްވާނަމަ ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުނާއި ޓުއާ އޮޕަރޭޓަރުން ރާއްޖެ ގެންނަން ޖެހޭ،" އަބްދުﷲ ވިދާޅުވި އެވެ.
ކޮންމެއަކަސް ޓޫރިޒަމް ފެއާއެއް އެންމެ މުހިންމުކަން ރާއްޖެއަށް ބޮޑެވެ.އަދި ޓޫރިޒަމް ދާއިރާއިން ތިބީ ޓީޓީއެމްއަށް ނަޒަރު ހުއްޓާލައިގެންނެވެ.