ދުނިޔެ

އުތުރުކޮރެއާ އިތުރަށް ފަގީރުވާނެ ފިޔަވަޅުތަކެއް އދ. އިން އަޅައިފި

ބައިނަލް އަގުވާމީ މުޖުތަމައުން މިހާރުވެސް ވަރަށް ބޮޑަށް އެކަހެރިކޮށްލާފައިވާ އުތުރުކޮރެއާ އިތުރަށް ފަގީރުވާ ފަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ.

މަދު ބާވަތްތަކެއް އެކްސްޕޯޓްކުރަމުން އަންނަ އުތުރުކޮރެއާއާ ދެކޮޅަށް އދ.ގެ ސަލަމާތީ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި ބައިވެރިވި ގައުމުތަކުގެ އިއްތިފާގުން ފާސްކުރި ފިޔަވަޅުތަކުގެ ސަބަބުން އެކްސްޕޯޓް ކުރާ މުދަލުން އަހަރަކު ލިބޭ ތިން ބިލިޔަން ޑޮލަރުގެ ތިންބައިކުޅަ އެއްބައި ކެނޑިގެން ދާނެއެވެ.

އުތުރުކޮރެއާއާ ދެކޮޅަށް އިއްޔެ ފާސްްކުރި ގަރާރުގައި މަނާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ބޯޓުދެއްޔާއި އަޔަން އަދި އަޔަން އޯރް އެެކްސްޕޯޓު ކުރުން ހިމެނެއެވެ. ބޭރު ގައުމުތަކުގައި މަސައްކަތް ކުރާ އުތުރުކޮރެއާ މީހުންގެ އަދަތު އިތުރު ކުރުމާއި އެގައުމުގެ ކުންފުނިތަކާއި އެކު އެހެން ގައުމުތަކުގެ ކުންފުނިތަކުން ޖޮއިންޓް ވެންޗާ އުފެއްދުން ވެސް އެގަރާރުން ވަނީ މަނާކޮށްފައެވެ.

އުތުރުކޮރެއާއިން ކުރިއަށް ގެންދާ ނިއުކްލިއަ ޓެސްޓްތަކާއިި މިސައިލް ޓެސްޓްތައް ހުއްޓުވުމަށް ކަަމަށް ބުނެ އެޅި ފިޔަވަޅުތައް ހިމެނޭ ގަރާރުގެ ދެލިކޮޕީ އެކުލަވައިލީ އެމެރިކާއިންނެވެ. އެމެރިކާއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ނިއުކްލިއަ ހަތިޔާރު އެންމެ ގިނައިން ހުރި އަދި ދުނިޔޭގެ ތާރީހުގައި އިންސާނުންނާ ދެކޮޅަށް އެހަތިޔާރު ބޭނުންކުރި ހަމަ އެކަނި ގައުމެވެ.

ނިއުކްލިއަ ޓެސްޓް ނުކުރުމަށާއި މިސައިލް ނޫފެއްދުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވައިލަމުންދާ ގޮވައިލުންތަކަށް އުތުރުކޮރެއާއިން ވަނީ ބީރު ކަންފަަތެއް ދީފައެވެ. އަދި އެގައުމުން ވަނީ ފަހަކަށް އައިސް ގިނަ މިސައިލްތަކެއް ޓެސްޓްކޮށްފައެވެ. -- ރޮއިޓާސް