ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އެކުއްޖާގެ އުފާވެރި ހަބަރު ދުރުގައި ތިބި އާއިލާ އާއި ރަހުމަތްތެރިންނަށް ހިއްސާކޮށްލަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ކޮންމެ މީހަކުވެސް އެ ތުއްތު ފުރާނަ ދެކިލަން ބޭނުންވާނެތީ އަދި އެހެން މީހުންނަށް ދަރިފުޅު ދައްކާލުމުގެ ބޭނުމުގައި އެންމެ ފުރަތަމަވެސް ދަރިފުޅުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްލަނީ އެވެ.
މައިންބަފައިން އަދި އާއިލާގެ މީހުން އެކަން ކުރަނީ ކުއްޖާ ލޯބިވެފައި އެކަން އެހެން މީހުންނަށްވެސް އަންގާލުމަށެވެ. ކަމަކާ ބޯ ގޮވާފައި އިންނަ ވަގުތެއްގައިވެސް ލޯބިކޮށް ހީލާފައި އިންނަ ކުޑަކުއްޖެއް ފެނުމުން ކޮންމެ މީހަކުވެސް ހިންހަމަ ޖެހޭނެ އެވެ. އެހެން ނަމަވެސް ކުއްޖާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރާއިރު އެއީ އެކުއްޖާ ބޭނުންވެދާނެ ގޮތެއް ހެއްޔެވެ؟ ނޫނީ އޭނާގެ ފޮޓޯ އެގޮތަށް އިންޓަނެޓުގައި ދައުރުވާން އޭނަ ބޭނުން ނުވެދާނެ އެވެ. އެކަމާ އެއް ފަހަރުވެސް ވިސްނާލިން ހެއްޔެވެ؟
އެމެރިކާގެ ކުޑަކުދިންގެ ކަންތައްތަކާއި ބެހޭ ޖަމިއްޔާއެއް ކަމަށްވާ ނެޝަނަލް ސޯސައިޓީ ފޯ ދި ޕްރިވެންޝަން އޮފް ކްރުއެލްޓީ ޓު ޗިލްރެން (އެންއެސްޕީސީސީ) އިން ވަނީ ކުދިންގެ ހުއްދަ ނުހޯދާ އެކުދިންގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ނުކުރަން އެދިފަ އެވެ. އެ ޖަމިއްޔާއިން ބުނީ އެކަމަކީ ކުއްޖާގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ކިތަންމެ ސެކިއުރިޓީ ވަރުގަދަކޮށްފައި ކުއްޖާގެ ފޮޓޯ ޕޯސްޓު ކުރި ނަމަވެސް އިންޓަނެޓުގައޮ ޕޯސްޓުވުމުން ފޮޓޯގެ ކޮންޓްރޯލް އޭގެ ވެރިޔާގެ އަތުން ގެއްލޭނެ ތީ އެވެ.
އެކަމާ ގުޅޭގޮތުން 1،000 ބެލެނިވެރިން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި 87 ޕަސަންޓު މީހުން އެމީހުންގެ ދަރިންގެ ދިރިއުޅުން ސިއްރުކޮށް ސޯޝަލް މީޑިއާއަށް ފޮޓޯ ޕޯސްޓުނުކުރެ އެވެ.
ކުދިންގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުުރުމާ ގުޅޭގޮތުން އެންއެސްޕީސީސީ އިން އިތުރަށް ބުނެފައިވަނީ ކުއްޖާގެ ފޮޓޯ އިންޓަނެޓަށް ލާނަމަ ކުއްޖާގެ ހުއްދަ ހޯދައިގެން އެ ފޮޓޯއެއް ލުމަށެވެ. އަދި އަބަދުވެސް ކުއްޖާ ވީހާވެސް ރީތިކޮށް ހުންނަ ފޮޓޯތައް ލުމަށެވެ. ނޫނީ ފަހުން ކުއްޖާ ބޮޑުވެގެން އަންނަ އިރު ނުރަނގަޅު އަސަރުތަކެއް ކުއްޖާއަށް ކުރުމުގެ ފުރުސަތު ބޮޑުކަމަށް ވާތީ އެވެ.