ކުޅިވަރު

ލީގުން އަތޮޅު ޓީމުތަކަށް ޖާގަ ދޭން މޯހަންގެ ތަފާތު ހިޔާލެއް

Aug 7, 2017
9

ދިވެހި ޕްރިމިއާ ލީގުން، އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ދިނުމަށް، ދ. ކުޑަހުވަދޫ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު މޯހަން ތަފާތު ހިޔާލެއް ހުށަހަޅައިފި އެވެ.

މޯހަން ބުނީ، ލީގުން ރަށްރަށަށް، ނިސްބަތްވާ ޓީމުތަކަށް ފުރުސަތު ދޭންވީ، ފުރަތަމަ ޑިވިޝަން ޓީމުތަކާއެކު، ކުދި ކުދި މުބާރާތްތަކެއް ކުޅުމަށް ފަހު ކަމަށެވެ.

"މާޒިޔާ ކަހަލަ ނިއުރޭޑިއަންޓް ކަހަލަ އަދި ފުރަތަމަ ޑިވިޝަންގައި މިއޮތް ހަތަރު ޓީމަކީވެސް ހަމަ ވަރަށް ވަރުގަދަ ހަތަރު ޓީމު، މިއީކީ އަދި [ރަށް ރަށުން އަންނަ ޓީމުތަކަށް] ކުޅެވޭނެ ފެންވަރު ކަމަށް އަޅުގަނޑު ގަބޫލެއް ނުކުަރަން، މިއަށްވުރެ މާ ގިނަ ދުވަސް ނަގަން އެބަޖެހޭ މިކަމަށް." އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ވެސް ކޮށްފައިވާ މޯހަން ބުންޏެވެ. "އަޅުގަނޑަށް ހީވަނީ ފުރަތަމަ ޑިވިޝަން ޓީމު ތަކާއެކު ކުދި ކުދި މުބާރާތްތައް ކުޅުވައިގެން ހެން މިކަހަލަ ބޮޑު ލީގަކަށް ގެންނަންވީ އެހެން ނޫނިއްޔާ މިއީ ހިފަހައްޓާ ލެވޭ ވަރު ކަމަކަށް ނުވާނެ ހާއްސަކޮށް ދިގު ދެމިގެން ހަތަރު މަހަށް ދާއިރު، ލީގްގެ ފަހު ކޮޅަށް ދާއިރު ވަރަށް ބޮޑު ތަކުލީފް ތަކާއި ދަތިތަކާ ކުރިމަތި ލާން ޖެހޭނެ."

އޭނާ ބުނީ، ކުޑަހުވަދޫ ޓީމުގައި ރަނގަޅު ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި އެކުޅުންތެރިންނަށް ބޭނުން ވަނީ ތަޖުރިބާ ކަމަށެވެ. "އެކްސްޕީރިއަންސަކީ މިހަލަ ލީގެއްގައި އައިސް ކުޅެގެން އެއްފަހަރުން ލިބޭނެ އެއްޗެއް ނޫން އެހެންވީމަ މި ކަހަލަ ކުދި މުބާރާތްތައް ކުޅެގެން އެކްސްޕީރިއަންސް ލިބިގެން ކަންނޭގެ މިކަހަލަ ބޮޑު ލީގެއްގައި ކުޅުވަންވީ،" އދ. މަހިބަދޫއަށް ނިސްބަތްވާ، މަހިބަދޫ ސްޕޯޓްސް ކުލަބަށް ވެސް އިރުޝާދު ދިން މޯހަން ބުންޏެވެ. "މިއީ އަޅުގަނޑުމެންނަށް އެކަނި ދިމާވާނެ ކަމެއް ނޫން ހެން ހީވަނީ، މާލޭގެ ޓީމުތަކުން ގިނަ ކުޅުންތެރިންތަކެއް ގެންދިޔަ ޓީމުތަކަށް ތަންކޮޅެއް ފަސޭހަ ވެދާނެ، އެހެން ނަމަވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރަން، އެޓީމުތަކަށް މިއޮތް ހަތަރު ޓީމަށް ވާދަ ކުރެވޭނެ ކަމަަކަށް، ފަހަރެއްގައި މެޗެއް ދެ މެޗެއްގައި ވާދަ ނުކުރެވޭނެ ވާހަކަ އެއް ނޫން، ނަމަވެސް މުޅި މުބާރާތުގައި މުޅި ލީގްގައި އަތޮޅު ތަކުން އައިސް، މިއޮތް ޓީމުތަކަށް މާލޭގެ ހަތަރު ޓީމާ ވާދަ ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.

ކުޑަހުވަދޫ ޓީމު، މެޗު ކުޅެން މާލެ، އަންނަނީ، ރަށުގައި ތިބެ، މެޗު ކުޅެން އޮންނަ ދުވަހު އެވެ. މޯހަން ބުނީ، ރަށުގެ އެކި ވަޒީފާ ތަކުގައި އުޅޭ ކުޅުންތެރިން ކަމަށް ވުމުން މާލޭގައި، މިހާ ގިނަ ދުވަހު ތިބެވޭނެ ގޮތެއް ނެތް ކަމަށެވެ.

"ކިނިނެއްތޯ ހަދާނީ، މިތާންގައި މާލޭގައި ތިބެވޭނެ ގޮތެއް ވިދާޅުވެ ދެއްވާ، އޮފީހުގައި، ވަޒީފާގައި އުޅޭ ކުދިން ކިނިނެއްތޯ އައިސް މާލޭގައި ތިބޭނީ، އެއީކީވެސް ވާނެ ކަމެއް ނޫން، ދެން، ދަތުރު ކޮށްފައި ކޮންމެ ދުވަހަކު އަޅުގަނޑުމެން އައިސް ކުޅުމަކީ ވެސް އުސޫލެއް ނޫން އަޅުގަނޑަށް ހީވަނީ ހުރިހާ ޓީމަކަށްވެސް ހަމަހަމަ ވާގޮތަށް ކަންތައް ކުރަން ޖެހޭނެ ހެން، އޭރުން ކަންނޭންގެ އެންމެންނަށް ވެސް ރަނގަޅު ވާނީ ވެސް، އެހެން ނޫނިއްޔާމު މިއީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑެއް ނުދެކެން، އަޅުގަނޑުމެންގެ ޓްރާންސްޕޯޓް ހަރަދު މާލޭގައި ތިބޭ ޓީމެއްގެ އަތަކުން ނުދާނެ، އެއަށް މާ ބޮޑު ހަރަދު އަޅުގަނޑުމެން އެބަޖެހޭ ކުރަން، އެހެން ހުރިހާ ކަމަކަށްވުރެވެސް." ނިއުރޭޑިއަންޓަށް ދިވެހި ލީގާއި ޕްރެޒިޑެންޓް ކަޕް ކާމިޔާބު ކޮށްދިން ކޯޗް ބުންޏެވެ.

މޯހަން ބުނީ، ވަޒީފާގައި އުޅޭ ކުޅުންތެރިންނާއެކު މާލޭގައި އައިސް ތިބެވޭނެ ގޮތެއް ނެތް ކަމަށާއި، އެފްއޭއެމުން ގިނަ މެޗުތައް ހަފުތާ ބަންދަށް ތާވަލު ކޮށްފައި އޮތުން ވެސް، އެއީ ވެސް ރަނގަޅެއް ކަމަށެވެ. އެހެން ނޫނަމަ ކުޅުންތެރިން ޖެހޭނީ ޗުއްޓި ނަގައިގެން އަންނަން ކަމަށާއި އުޅޭ ވަޒީފާ ތަކުން އެކުޅުންތެރިންނަށް ވީއްލިގެން އައުމަކީވެސް އެހާ ފަސޭހަ ކަމަށް ނުވާނެ ކަމަށް މޯހަން ބުންޏެވެ.