ދުނިޔެ

އިޒްރޭލުގައި ހުރި އަލްޖަޒީރާ ބަންދުކޮށް ޗެނަލް މަނާކުރަނީ

ގަތަރުގެ މަޝްހޫރު ޓީވީޗެނަލް ' އަލް ޖަޒީޒާގެ އޮފީސް ބަންދުކޮށް، އެޗެނަލުގެ ނޫސްވެރިން ހަރަކާތްތެރިވުން މަނާކުރަން ނިންމީ ސުންނީ އަރަބި ގައުމުތަކުން އެކަމުގައި އަމަލުކުރި ގޮތަށް ބަލައިގެން ކަމަށް އިޒްރޭލުން ބުނެފިއެވެ.

ގުދުސްގައިވާ އަލްޖަޒީރާގެ އޮފީސް ބަންދުކުރާ ވާހަކަ އިޒްރޭލުން ދައްކާތާ ދުވަސްތަކެއްވީ ފަހުން އެގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރު އައްޔޫބު ކާރާ އިއްޔެ ވިދާޅުވީ އެ ޗެނަލަކީ ރުޅިވެރިކަން އުފެއްދުމަށް ގްރޫޕްތަކުން ބޭނުންކުރާ ޗެނަލެއް ކަމަށެވެ.



އަލްޖަޒީރާ އިޒްރޭލުގައި މަނާކުރަން އޭނާ ނިންމެވި ނިންމެވުމަށް އިޒްރޭލު ޕާލަމެންޓް ' ކަނީސަތު'ގައި ދެން އޮން ޖަލްސާގައި ރިޔާއަތް ކުރާނެ ކަަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަލްޖަޒީޒާއާ ބެހޭގޮތުން ކާރާ ވާހަކަފުޅުދެއްކެވީ އެ ޗެނަލްގެ ނޫސްވެރިން ނުވައްދައި، ގުދުސްގައި ބޭއްވި ނޫސްކޮންފަރެންސެއްގައެވެ.

" މިނިވަންކަމާ އެކު ފިޔަވަޅު އަޅާނެ އިޚުތިސާސް ހޯދުމަށް އޮނިގަނޑުގެ ތެރެއިން ( ޕާލަމެންޓްގެ ތެރެއިން) މަސައްކަތް ކުރާނަން. ވީހާ އަވަހަކަށް މިކަން ނިންމޭތޯ އަހަރެމެން މަސައްކަތްކުރާނަން،" ކާރާ ވިދާޅުވި ކަމަަށް އަލްޖަޒީޒާގެ ހަބަރުގައި ވެއެވެ.

އަލްޖަޒީރާއިން ބުނީ މެެދުއިރުމަަތީގައިވާ ހަމަ އެކަނި ޑިމޮކްރަސީ ކަމަށް ދައުވާ ކުރާ އިޒްރޭލުން އެފަދަ ގޮތަކަށް އަމަލުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގައި އިޒްރޭލުން އަމަލުކުރާ ގޮތް ކައިރިން ބަލައި، އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެވެ.