އެޑިޔުކޭޝަން މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން 1500 ޓެކްނީޝަނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފެށުމުގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފި އެވެ.
ސްޓެލްކޯގެ މައި އިމާރާތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސް ވުމެއްގައި ސޮއި ކުރެއްވީ ފެނަކަ ކޯޕްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެޑީޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިކުރެވޭ މަސައްކަތަކީ ރާއްޖޭގެ ބޭނުންވާ ތަފާތު ސިނާޔަތްތަކާއި އެ ތަރައްގީއަށް ބޭނުންވާ ތަފާތު ހުނަރުތަކަށް ތަމްރީނު ކުރުން ކަމަށާއި މިހާރު ތަމްރީނު ކުރަނީ ރާއްޖެއަށް މީހުން ތަމްރީނު ކުރަން ބޭނުންވަނީ ކޮން ދާއިރާތަކެއްތޯ ބަލައި އެދާއިރާތަކަށް ނުވަތަ އެ ވާޒީފާ ތަކަށް މީހުން ތަމްރީނު ކުރުން ކަމަށެވެ. އަދި މި ފުރުސަތު ހުޅުވާލެވެނީ ހަމަ އެކަނި މާލެއަކަށް ނޫން ކަމަށާއި މި ފުރުސަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަކަށްވެސް ހުޅުވިގެންދާ ފުރުސަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޕޮލިޓެކްގެ ހުރިހާ ކޯހަކީވެސް ހިލޭ ކުރިއަށް ގެންދާ ކޯސްތައް ކަމަށާއި ބައިވެރިވާ އެއްވެސް ފަރާތަކުން ކޯހަށް ފައިސާ ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އަދި މި ކޯހުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށާއި މި ކޯސް ހަމަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހައެއްކަ މަސް ތެރޭގައި ހުރިހާ އެންމެން ތަމްރީނުކޮށް ނިމޭނެ، ފުރަތަމަ ބަލަނީ ވަޒީފާ ހުރިތޯ ނުވަތަ ކައިރި ތަނަކުން ވަޒީފާ ހުރިތޯ، ދެން އެތަނަކަށް ގޮސްގެން އެ ވަޒީފާ އަދާކުރާނެތޯ، އެހެން ކަމަށް ވެއްޖިއްޔާ އޮންލައިންކޮށް، ނުވަތަ އެ ރަށެއްގަ ހުންނަ ފެނަކަ އޮފީހުގައި އިންޓާންޝިޕް ހަދާނީ، އެތަނުގައި ތަމްރީނު ކުރާނީ، އެތަނުގައި ތަމްރީނު ވެގެން އެތަނުގެ ވަޒީފާއަކަށް ދާނީ، އަތޮޅު ތަކުގައި ހުރުމަކީ އެއްވެސް ހުރަހެއް ނޫން" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޒުވާނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދަށުން 8500 އަށްވުރެ ގިނަ މީހުން ތަމްރީނު ކުރެވިގެން ގޮސްފައިވާ ކަމަށާއި މި މަހު ތެރޭގައި 1000 ފޮޓޯގްރާފަރުންގެ ގްރެޖްއޭޝަން އޮންނާނެ ކަމަށެވެ.
ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ފެނަކައިގައި މިވަގުތު އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ އަންޓްރެއިންޑް މީހުން ޓެކްނީޝަނުންގެ ގޮތުގައި ތިބުން ކަމަށާއި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އެކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި މި ފުރުސަތަކީ ކެރިއާ ބިލްޑް ކުރަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި މުސްތަގުބަލުގައި އިތުރު ތަމްރީނު ތަކަށް ދާއިރުވެސް މި ބޭސިކް ސަބަބުން އިތުރު ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ފެނަކައިގައި 1260 އަށް ވުރެ ގިނަ ޓެކްނީޝަނުން ހަރަކާތްތެރިވޭ. އޭގެ ތެރެއިން ބޮޑު ބަޔަކީ އަންޓްރެއިންޑް މީހުން، މި ކޯހުގެ ސަބަބުން އެޓްލީސްޓް އޭ ލައިސަންސް ލިބިފައިވާ ޓްރެއިންޑް އެލެކްޓްރީޝަނުނަށް ވެގެންދާނެ، މިއަހަރުގެ ބިޒްނަސް ޕްލޭންގެ ތެރެއިން ވަރަށް ބޮޑު ޓާގެޓަކަށް އެބެން މީހުން ޑެވެލޮޕް ކުރުން، އެންމެ ވީކް ޕޮއިންޓެއްގެ ގޮތުގައި ފާހަގަ ކުރެވިފަ އޮތް ކަމެއް،" ޝަރީފް ވިދާޅުވި އެވެ.