އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާނެކަމުގެ އިގްރާރެއްގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އާ އެކު ހަތަރު ކުންފުޏަކުން ސޮއިކޮށްފިއެވެ. އެ ހަތަރު ކުންފުންޏަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އާސަންދަ ކޮމްޕެނީ އާއި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި ފެނަކަ ކޯޕަރޭޝަން އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޗްއާރްސީއެމް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް އައިމިނަތު އީނާޝް އެވެ. އެމްޕީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް އަދި އާސަންދަގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ އެވެ. އަދި އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. އެ އިގްރާރަކީ އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ ގޮތަކަށް ވިޔަފާރި ކުންފުނިތަކުގެ އެންމެހާ މުއާމަލާތްތައް ބައްޓަން ކުރުމަށް ބާރުއެޅުމަށް ވެވުނު އެއްބަސްވުމެކެވެ.
އެޗްއާރްސީއެމް އިން ބުނީ އެ އިގްރާރަކީ އިންސާނީ ހައްގުތަކަށް ހޭލުންތެރިވެފައިވާ ޒިންމާދާރު މުޖްތަމައެއް ބިނާކުރުމަށް އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 'ވިޔަފާރިއާ އިންސާނީ ހައްގުތަކުގެ' ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެވެ.
އެ އިގްރާރުގެ ދަށުން އެ ކުންފުނިތަކުން 'ހިއުމަން ރައިޓްސް ޕްލެޖް'ގައި ބައިވެރިވުމަށް ބާރުއެޅާއި ވިޔަފާރިއާ އިންސާނީ ހައްގުތަކާމެދު މީޑިއާ ހޭލުންތެރިކުރުމާއި ވިޔަފާރިއާ އިންސާނީ ހައްގުތަކާ ގުޅުން ހުރި ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ ރިވިއު ހެދުމުގެ އިތުރުން ވިޔަފާރިއާ އިންސާނީ ހައްގުތަކާއި ގުޅުން ހުރި އިދާރީ އަދި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ބާރު އެޅުމަށް ދައުލަތުގެ ކަމާ ބެހޭ ފަރަކާތްތަކަށް ލޮބީ ކުރުން ހިމެނޭ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާނެކަމުގެ އިގްރާރުގައި ސޮއިކުރުމަކީ އެޗްއާރްސީއެމުން މިދިޔަ އަހަރު ފަށާފައިވާ ބިޒްނަސް އެންޑް ހިއުމަން ރައިޓްސް ސްޓްރެޓެޖީގެ ދަށުން ކުރިއަށް ގެންދާ އެއް ހަރަކާތެވެ. މިދިޔަ އަހަރު އެ ގަރާރުގައި ފަސް ކުންފުންޏަކުން ސޮއިކޮށްފައިވެއެވެ. އެ ފަސް ކުންފުންޏަކީ އޫރިދޫ އާއި ދިރާގް އާއި މޯލްޑިވްސް ޓްރާންސްޕޯ އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީގެ އިތުރުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އަދި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަންއެވެ.