އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހަކީ މެގަސްޓާ އަމީތާބް ބައްޗަންގެ އުފަން ދުވަހެވެ. އޭނާ އަށް ސަޕޯޓްކުރާ އެތަކެއް މިލިއަން އެ ދުވަހު އޭނާގެ އުފަންދުވަސް ކުލަ ގަދަކޮށް ކޮންމެ އަހަރަކު ވެސް ފާހަގަކުރެ އެވެ.
މުމްބައިގައި ހުންނަ އަމީތާބްގެ ގޭ ދޮށަށް އެތަކެއް ހާސް ބަޔަކު އޭނާގެ އުފަންދުވަހުގައި އެއްވަނީ، އަމީތާބުގެ އުފަލުގައި ބައިވެރިވާށެވެ.
މި އަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހު އަމީތާބް ފާހަގަކުރާނީ 75 ވަނަ އުފަންދުވަހެވެ. އުމުރުން 75 އަހަރަށް އަޅާއިރު އަމީތާބް އަދިވެސް ފެންނަނީ އޭނާ އަށް ވުރެން އުމުރުން އެތައް ތަނެއް ހަނގު މީހުންހާ ހަރަކާތްތެރިކޮށެވެ. އަމީތާބަށް ވުރެން ޒުވާން އެކްޓަރުންނެކޭ އެއްވަރަށް އޭނާ އަހަރެއްގެ ތެރޭގައި ފިލްމުތައް ވެސް ކުޅެ އެވެ. އެކި ހަފްލާތަކުގައި ވެސް ބޮލީވުޑްގެ އެހެން ތަރިންނެކޭ އެއް ގޮތަށް ބައިވެރިވެ ހަދަ އެވެ.
މިއިން އެއްވެސް ފަހަރަކު އަމީތާބް ފެނި އޭނާގެ އުމުރުން އެހާ ދުވަސްވެދާނެ ކަމަކަަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރާނެ އެވެ. އެހާވެސް ހަމަ ހަރަކާތްތެރީ އެވެ.
މި އަހަރު އަމީތާބަށް 75 އަހަރު ފުރޭއިރު އޭނާގެ މި ތާރީހީ އުފަންދުވަސް ކުލަ ގަދަކޮށް ފާހަގަކުރަން ފޭނުން ތިބޭނީ ހަމަ ޔަގީނުން ވެސް ކެތްމަދުވެފަ އެވެ.
ނަމަވެސް އުފަންދުވަސް އައުމަށް ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސްކުރިން އަމީތާބް މިވަނީ 75 ވަނަ އުފަންދުވަސް ފާހަގަނުކުރާނެ ކަމަށް ބުނެފަ އެވެ.
އަމީތާބްގެ ބްލޮގްގައި އޭނާ ލިޔުނު ޕޯސްޓެއްގައި ވަނީ އެއްވެސް ބަޔަކު އޭނާގެ އުފަންދުވަސް ފާހަގަކުރަން ނޭދޭ ކަމަށާއި އެފަދަ ކަމަކަށް ހިތްވަރު ވެސް ނުދޭނެ ކަމަށް ބުނެފަ އެވެ. އަދި އާއިލާ އާއި ގާތް އެކުވެރިން ވެސް އޭނާ އުފަންދުވަސް ފާހަގަކުރަން ދެކޮޅު ކަމަށާއި އެފަދަ ހަފްލާއެއް ބޭއްވި ނަމަވެސް އޭނާގެ ބައިވެރިވުން ފެނިގެންނުދާނެ ކަމަށް ބުނެފަ އެވެ.
"އުފަންދުވަސް ފާހަކުރަން އެއްވެސް ޕާޓީއެއް ނުވަތަ ހަފްލާއެއް ބާއްވަން އަހަރެން ގަބޫލެއް ނޫން. އެ ދުވަސް ހޭދަކުރަން ބޭނުންވަނީ އެކަހެރި ތަނެއްގައި، އެއްވެސް ބަޔަކަށް ނޭނގޭ ކަހަލަ ތަނެއްގައި،" އުފަންދުވަސް ފާހަގަކުރަން ދެކޮޅު ކަމަށް ބުނަމުން އަމީތާބް ބުނެފައިވެ އެވެ.
ބޮލީވުޑްގެ ޝެހެންޝާގެ ގޮތުގައި މަޝްހޫރުވި އެކްޓަރު އަމީތާބްގެ ފިލްމީ ކެރިއަރު އަދިވެސް އެހާމެ ކާމިޔާބުވެފައި އުޖާލާ އެވެ. ބޮލީވުޑްގައި އުފައްދަމުން އަންނަ އެންމެ ބޮޑު ފިލްމު "ތަގްސް އޮފް ހިންދުސްތާން" އާއި "102 ނޮޓް އައުޓް" ކިޔާ ފިލްމެއްގެ މަސައްކަތް އަމީތާބް މިހާރު އަންނަނީ ކުރަމުންނެވެ. މި ދެ ފިލްމުގެ އިތުރުން އެހެން ފިލްމުތަކަކުން ވެސް އޭނާ އަށް ވަނީ ފުރުސަތު ލިބިފަ އެވެ.