ވާދަވެރި ބޮލީވުޑްގައި ގާތް އެކުވެރިން ތިބެދާނެ ކަމުގެ ރީތި މިސާލު ދައްކާފައިވަނީ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރާއި މަޝްހޫރު ބަތަލާ ކާޖޮލް އެވެ. ކުޑައިރުން ފެށިގެން ގާތް އެކުވެރިންގެ ގޮތުގައި ތިބި މި ދެމީހުން ވަނީ އެކަކު އަނެކަކު ފިލްމީ ކެރިއަރުގެ އެންމެ ދަތި ދުވަސްތަކުގައި ވެސް ގާތް މިތުރެއްގެ ގޮތުގައި ތިބެފަ އެވެ.
ބެސްޓްފެރެންޑުންގެ ގޮތުގައި ތިބި ކާޖޮލާއި ކަރަންގެ ޒަމާންވީ އެކުވެރިކަން ނިމުމަކަށް އައިސްފައިވާތާ ގާތްގަނޑަކަށް އަަހަރެއްހާ ދުވަސްވަނީ އެވެ.
އަހަރުތަކެއް ފަހުން ކަރަން ޑައިރެކްޓްކޮށްގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނެރުނު ފިލްމު "އޭ ދިލްހޭ މުޝްކިލް" އާއި ކާޖޮލްގެ ފިރިމީހާ އަދި އެކްޓަރު އަޖޭ ދޭވްގަން އަލަށް ޑައިރެކްޓްކުރި ފިލްމު "ޝިވާއޭ" ބޮކްސް އޮފީހުގައި ވަރުގަދަ ކުރިމަތިލުމަކަށްދާން ނިންމި ހިސާބުން ކާޖޮލާއި ކަރަންގެ އެކުވެރި ކަމުގެ ރެނދުލާން ފެށި އެވެ.
ގާތް އެކުވެރިޔާ އާއި ފިރިމީހާ ކުރިމަތިލުމަކަށް ދާން ނިންމުމުން ކާޖޮލް ނެގީ ފިރިމީހާގެ ފަޅި އެވެ.
ނަމަވެސް މައްސަލަ ގޯސްވެ، އެ ދެމީހުންގެ އެކުވެރިކަން ނިމި އެކަކު އަނެކަކަށް ހޫނު ބަސްތައް ރައްދުކުރާ ހިސާބަށް ދިޔައީ ކޮމީޑިއަން އަދި ކްރިޓިކް ކަމާލް ހަސަން އަށް އަޖޭގެ "ޝިވާއޭ' ބަދުނާވު ވާގޮތަށް ވާހަކަދައްކައިގެން ލާރި ދޭން ކަރަން އޭނަ ގާތު ބުނިކަމަށް ބުނެ ކަމަލް ކުރި ޓްވީޓަކާ ގުޅިގެންނެވެ.
އެ ޓުވީޓާއެކު ކަޖޮލް ވަނީ ކަރަންގެ އަމަލުތަކުން އޭނާ އަށް ލިބުނީ ބޮޑު "ޝޮކެއް" ކަމަށް ލިޔެ ޓްވީޓެއް ކޮށްފަ އެވެ. އެ ހިސާބުން ކާޖޮލާއި ކަރަންގެ ޒަމާންވީ އެކުވެރިކަމުގެ ސިއްކަ ޖެހި، ބޮލީވުޑްގެ އެންމެ ގާތް ދެ އެކުވެރިންގެ ނިމުން އައީ ކަމަށް ނޫސްތަކުގެ ފަލަ ސުރުހީތަކަށް ވެސް އެރި އެވެ.
އޮގަސްޓް 5 ވަނަ ދުވަހު ކާޖޮލްގެ 43 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް އޭނާގެ ގޭގައި ގާތް އެކުވެރިންނާއި އާއިލާގެ ފަރާތްތަކަށް ބޭއްވި ޕާޓީއަށް ކާޖޮލް ވަނީ ކަރަން އަށް ދައުވަތު ދީފަ އެވެ. ކާޖޮލްގެ ދައުވަތު ގަބޫލުކޮށް ކަރަން އެ ޕާޓީ އަށް ގޮސްފައިވާއިރު، ކުރީގެ ރުޅިވެރިކަން ހަނދާން ނައްތާލައި އަލުން ގާތް އެކުވެރިންނަށް ވާން މި ދެމީހުން ތިބީ ތައްޔާރަށެވެ.
އެ ޕާޓީގައި ކަރަން އާއި ކާޖޮލް އެކަކު އަނެކަކާ ވާހަކަދައްކާފައިވަނީ ކުރިއެކޭ ވެސް އެއްގޮތަށް ވަރަށް ގާތްކޮށް ކަމަށާއި އެ ދެމީހުންގެ ދެމުދުގައި މައްސަލަތަކެއް ޖެހިގެން އުޅުނުހެން ހީ ވެސް ނުވާ ކަމަށް ޕާޓީގައި ބައިވެރިވި މީހަކު ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.
މީގެއިތުރުން ވެސް އާދީއްތަ ދުވަހު ކަރަން އޭނާގެ ތުއްތު ދެ ކުދިންގެ ފޮޓޯއެއް ވަނީ ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އަދި ކާޖޮލް ވަނީ ކަރަން އިންސްޓަގަރާމްކުރި އެ ފޮޓޯ އަށް ލައިކެއް ވެސް ދީފަ އެވެ. އެ ހިސާބުން ނިމުނީކީ އެއް ނޫނެވެ. އެ ދެމީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަން ފެށުމުން ކަރަން ވަނީ އިންސްޓަގްރާމުން ކާޖޮލް އަންފޮލޯ ވެސް ކޮށްފަ އެވެ. އަދި އޭނާގެ ކުދިންގެ ފޮޓޯއަށް ކާޖޮލް ލައިކެއް ދިނުމުން އަލުން އޭނާ ފޮލޯ ވެސް ކޮށްފަ އެވެ.
ބެލެވޭ ގޮތުގައި މާޒީގައި ހިނގާދިޔަ ކަންތައް މަތިން ހަނދާން ނައްތާލައި، ކަރަން އާއި ކާޖޮލް މިވަނީ އެ ދެމީހުންގެ ދެމެދުގައި އޮތް އެކުވެރިކަން ބަދަހިކޮށް ކުރިއަށް އަލުން ގެންދަން ނިންމާފަ އެވެ.
އަޖޭ އާއި ކަރަންގެ ފިލްމު ބޮކްސް އޮފީހުގައި ކުރިމަތިލައި، ކާމިޔާބު ލިބުނީ ކަރަން އަށެވެ. ކަރަން އާއި ކާޖޮލްގެ އެކުވެރިކަން އަލުން ބަދަލުވި ނަމަވެސް އޭނާ އާއި އަޖޭއާ ދެމެދު ޖެހުނު މައްސަލަތައް ހައްލުވި ކަމެއް އަދި ނޭނގެ އެވެ.
ކާޖޮލް އާއި ކަރަން އަލުން އެކުވެރިންނަށް ވުމުން އެ ދެމީހުންގެ ފިލްމެއް ވަރަށް އަވަހަށް ފެނިގެންދިއުމަކީ ގާތްކަމެކެވެ. ކާޖޮލް ވަނީ ޝާހްރުކާއެކު ކަރަން ޑައިރެކްޓްކުރި 'މައި ނޭމް އިޒް ޚާން" އިން ފެނިގެން ގޮސްފަ އެވެ.