ބޮލީވުޑް

ހަފްތާއެއް ފަހުން ދިލިޕް ކުމާރު ހޮސްޕިޓަލުން ދޫކޮށްލައިފި

Aug 10, 2017

ވަރަށް ބޮޑަށް ހާލު ދެރަވެގެން ހޮސްޕިޓަލުގައި މީގެ ހަފްތާއެއްހާ ދުވަސްކުރިން އެޑްމިޓްކުރި ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ދިލިޕް ކުމާރު ފަރުވާއަށްފަހު މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މުމްބައިގެ ލީލާވަތީ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ދިލިޕަށް ފަރުވާދީފައިވަނީ ކިޑްނީގެ މައްސަލަތަކެއް ދިމާވެގެންނެވެ. އޭނާގެ ކިޑްނީ ފެއިލްވެ އެކަމަށް ވެސް ފަރުވާ ހޯދާފައިވާ ކަމަށްވެ އެވެ.

ދިލިޕްގެ ހާލު ރަނގަޅުވުމުން ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގަ އެވެ. އަންހެނުން ސަރިކާ ބަނޫ އާއެކު ދިލިޕް ހޮސްޕިޓަލުން ނިކުތް އިރު އޭނާގެ ފޭނުތައް ގިނަ އަދަދަކަށް ވަނީ ހޮސްޕިޓަލް ދޮށަށް އޭނާ ދުށުމަސް އެއްވެފަ އެވެ.

އުމުރުން 94 އަހަރުގެ ދިލިޕް އިއްޔެ ހޮސްޕިޓަލުން ދޫކޮށްލީ އޭނާގެ ކިޑްނީ ރަނގަޅު މަސައްކަތް ކުރަން ފަށައި ހާލު ވެސް ރަނގަޅު ވުމުންނެވެ.

ދިލިޕް ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ދިއުމުގެ ކުރިން ހޮސްޕިޓަލު ކައިިރިއަށް އެއްވެ ތިބި ނޫސްވެރިންނާ ވާހަކަދައްކަމުން އަންހެނުން ސަރިކާ ވަނީ ދިލިޕްގެ ހާލު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލުމަކީ އަޖައިބަކަށް ވުރެން ކުޑަކަމެއް ނޫން ކަމަށެވެ.

"އަހަރެން ބިރުގަތް ވަރުން ހީވީ މިއީ ބިރުވެރި ހުވަފެނެކޭ. ދިލިޕް ހާލު ރަނގަޅުވުމުން ވީ އުފާ ބަޔާންކޮށްދޭން ވެސް ނޭނގޭ. ހެއްދިވި ފަރާތަށް ޝުކުރު އަދާކުރާނީ ކިހިނެއް ކަމެއް ވެސް ނޭނގޭ،" ސަރިކާ ބުނެފައިވެ އެވެ.

ފާއިތުވި ދެތިން އަހަރުން ފެށިގެން ދިލިޕް އަށް އަންނަނީ ވަރަށް ގިނައިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.

މި ޖޫން މަހުގެ ތެރޭގައި ދިލިޕް ކުމާރު މަރުވެއްޖެ ކަމުގެ ހަބަރުތަކެއް ވަނީ ދެކެވިފަ އެވެ. އެ ވާހަކަ ދޮގުކޮށްފައިވަނީ އޭނާ ކުރި ޓްވީޓެއްގަ އެވެ.
ބޮލީވުޑްގެ ޓްރެޖެޑީ ކިންގް ގޮތުގައި މަޝްހޫރުވެފައިވާ އެކްޓަރު ދިލިޕް ކުމާރަކީ މިހާރު ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އޮންނަ "ޕިޝާވަރް" އަށް އުފަން މީހެކެވެ.
ހަތްދިހަ އަށް ވުރެން ގިނަ ހިންދީ ފިލްމު ކުޅެފައިވާ ދިލިޕް ކުމާރުގެ އެންމެ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި "ދޭވްދާސް" އާއި "މުގްލާއެ އާޒަމް" އާއި "ގަންގާ ޖަމުނާ" އަދި "މަދޫމަތީ" ފަދަ ފިލްމުތައް ހިމެނެ އެވެ.

އޭނާ އެންމެފަހުން ކުޅެފައިވާ ފިލްމަކީ 1998 ވަނަ އަހަރު ކުޅުނު "ގިލާ" އެވެ.