ކުޅިވަރު

މާޒިޔާގެ އިންތިހާބު: ޗެއާމަނަކަށް މިފަހަރުވެސް ސާޖިދު

Aug 11, 2017
1

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޗެއާމަނަކަށް، ޖެހިޖެހިގެން ހަތަރު ވަނަ ދައުރަކަށް، މިހާރުގެ ވެސް ޗެއާމަން އަހްމަދު ސާޖިދު އިންތިހާބު ކޮށްފި އެވެ.

އެހެން ކަމުން، ކުރިއަށް އޮތް ފަސް އަހަރަށް، އިންތިހާބު ކުރި، ބޯޑަށް މާ ބޮޑު ބަދަލުތަކެއް އައިސްފަ އެއް ނުވެ އެވެ. ވައިސް ޗެއާމަން ކަމަށް ހަތަރު ބޭފުޅަކު ވަނީ އިންތިހާބު ކޮށްފަ އެވެ. އެއީ އެކި ދާއިރާތަކުގެ ނައިބު ރައީސުން ނެވެ.

ވައިސް ޗެއާމަނުން:

ވައިސް ޗެއާމަން - ސޯޝަލް: އަބްދުލް މުހައިމިން
ވައިސްޗެއާމަން - އެޑްމިނިސްޓްރޭޝަން: އިބްރާހިމް ވަހީދު
ވައިސް ޗެއާމަން - ސްޕޯޓްސް: އަބްދުﷲ މޫސާ
ވައިސް ޗެއާމަން - ފައިނޭންސް: މުހައްމަދު ނައީމް

މިފަހަރުވެސް، ޖެނަރަލް ސެކެޓްރީ ކަމަށް އިންތިހާބު ކޮށްފައި ވަނީ، ކުރިންވެސް އެމަގާމު ފުރުއްވި، އަބްދުލް ވައްހާބު (ވައްކޭ) އެވެ. ހަޒާންދާރު ކަމަށް އިންތިހާބު ކޮށްފައި ވަނީ، ފާތިމަތު ޝާއިރާ އެވެ. ސްޕޯޓްސް މެނޭޖަރުކަމަށް އިންތިހާބު ކޮށްފައި ވަނީ، މާޒިޔާގެ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗް އަހްމަދު ސުވައިދު (ސްވެޓޯ) އެވެ. އޮގަނައިޒިން ސެކެޓްރީއަކީ، ފުޓްބޯޅަ ޓީމުގެ ސީނިއާ އެސިސްޓެންޓް ކޯޗް އަހްމަދު ސުޒެއިރު އެވެ. އެސިސްޓެންޓް އޮގަނައިޒިން ސެކެޓްރީއަކީ، މުހައްމަދު ޝިފާޒު އެވެ. ލިއޭޒަން އޮފިސަރަކީ އަކުރަމް ރަމްޒީ އެވެ.

ބޯޑުމެންބަރުންގެ ގޮތުގައި ފަސް ބޭފުޅަކު ވަނީ އިންތިހާބު ކޮށްފަ އެވެ. އެއީ: އަހްމަދު ޝިފާޒު، ހަސަން ޝާފިއު، އަލީ ޝަހީދު، ހަސަން ޝިފާން، އިބްރާހިމް ޝާފިއު އެވެ.

އިންތިހާބީ ޖަލްސާއަށް ފަހު، ރޭ ބޭއްވު ފުރަތަމަ ބައްދަލުވުމުގައި، ބޯޑުން ވަނީ މާޒިޔާގެ ސީއީއޯ އަކަށް މިހާރުގެވެސް ސީއީއޯ ހުސައިން ޝާފިއު (ކޮކީ) ހަމަޖައްސާފަ އެވެ. ޗެއާމަންގެ ހާއްސަ އެޑްވައިޒަރަކަށް، އިބްރާހިމް ފަޔާޒު ވަނީ ހަމަޖައްސާފަ އެވެ. އޭނާ މިދިޔަ ދައުރުވެސް ހުންނެވީ ސާޖިދުގެ ހާއްސަ އެޑްވައިޒަރަކަށެވެ. އަދި އޭގެ ކުރިން، އޭނާ އަކީ ކުލަބުގެ ވައިސް ޗެއާމަނެއްވެސް މެއެވެ.

ދެހާސް ހަ ވަނަ އަހަރުން ފެށިގެން، ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ މާޒިޔާއިން ދަނީ ކޮންމެ އަހަރަކުންވެސް ފުޓްބޯޅައިގެ އާ ހަރުފަތެއް ގިރާ ކުރަމުން ނެވެ. އެ ޓީމުން ވަނީ، މިހާރު، ރާއްޖޭގައި ކުލޭ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. މިއަހަރުގެ މިހާތަނަށް ޗެރިޓީ ޝީލްޑާއި މާލޭ ލީގް ހޯދާފައި ވާއިރު، އެ ޓީމުގެ މިއަހަރުގެ އަމާޒަކީ، ފުޓްބޯޅަ ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބު ކުރުމެވެ.