ރޭ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރު ކުރި އެންމެން މިއަދު ކްރިމިނަލް ކޯޓުން މިނިވަންކޮށްފި އެވެ.
ރޭ މަޖިދީމަގާއި ޖަނަވަރީމަގު ގުޅޭ ކަންމަތީގައި އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވަމުން ދަނިކޮށް ފުލުހުން ހައްޔަރު ކުރީ ޖުމްލަ އަށް މީހެކެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިސް މަގާމުތައް ފުރުއްވާ ފަރާތްތަކާއި މާލޭ ސިޓީގެ މެންބަރެއް ކަމަށްވާ، އަޒްރާ މޫސާ ވެސް ހިމެނެ އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންިދޔުމުން އެ މީހުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ. އެއާ އެކު ފުލުހުން ވަނީ އެ އެންމެން މިނިވަންކޮށްފަ އެވެ. މުއްދަތު މަޖިލިސް ހިނގަމުން ދިޔައިރު އެމްޑީޕީގެ ލީޑަޝިޕްގެ ފަރާތްތަކުން ކްރިމިނަލް ކޯޓް ހިމެނޭ ސަރަހައްދަށް އެއްވި އެވެ.
އެ މީހުން ހައްޔަރު ކުރުމާ ވިދިގެން އެމްޑީޕީ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މުޒާހަރާތަކަށް އެއްވާ ފަރާތްތައް ހައްޔަރު ކުރަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅުމުގެ ގޮތުން ކަމަށެވެ. އަދި އެއީ އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށް ވެސް ދެކޭ ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.