ކުޅިވަރު

ސައްޓު މިލަންދޫއަށް ޕޮއިންޓެއް ހޯދަދީފި

އއ. މާޅޮސް އަދި ށ. މިލަންދޫ މިއަދު ހަވީރު ދިވެހި ޕްރިމިޔާ ލީގުގައި ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ. މިލަންދޫއިން މިމެޗުގައި ޖެހި ދެ ގޯލް ވެސް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް އޭދަފުށިއަށް އުފަން ފޯވާޑް، އިޝާން އިބްރާހިމް (ސައްޓު) ގެ ދެ ގޯލްއިންނެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ގޯލް ޖެހީ އއ. މާޅޮސްގެ ސްޕެއިން ފޯވާޑް އެންހެލް މުނޯޒް އެވެ. މެޗްގެ 28 ވަނަ މިނިޓްގައި މުނޯޒް ކާމިޔާބުކޮށްދިން ގޯލަކީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ އެކެވެ. އޭގެ ކުރިން މިލަންދޫއަށް ރަނގަޅު ދެ ފުރުސަތެއްލިބި ވަނީ ބޭކާރު ކޮށްލައިފަ އެވެ.

ފުރަތަމަ ހާފްގައި ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނީ މާޅޮސް ޓީމުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިންވެސް މާޅޮސްއަށް ލީޑު ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފަ އެވެ.

ދެވަނަ ހާފް ފަށައިގެން 68 ވަނަ މިނިޓުގައި މާޅޮސް ޓީމުން ލީޑު ފުޅާކުރި އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ނާއިފް އެވެ. މި ލަނޑާއެކު ބެލެވިގެން ދިޔައީ މާޅޮސް ފަސޭހަކަމާއެކު މެޗު ކާމިޔާބު ކުރާނެކަމަށެވެ. ނަމަވެސް މެޗު ނިމެން ކައިރިވެފައި ވަނިކޮށް މިލަންދޫއިން މެޗު އަނބުރާލައި ޕޮއިންޓެއް ހޯދި އެވެ.

މެޗްގެ 86 ވަނަ މިނިޓްގައި އިޝާން ވަނީ މާޅޮސް ކީޕަރުގެ ބޯމަތިން ބޯޅަ އޮއްސާލައި ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. މިއާއެކު މިލަންދޫއިން ޓީމު ކުރިޔަށް ޖައްސަން ޖެހުނެވެ. މެޗްގެ 90 މިނިޓު ހަމަވެ އިތުރު ވަގުތުގެ ފަހު މިނިޓުގައި އިޝާން ވަނީ މާޅޮސް ކީޕަރު ކައިރިން ކަޓުވާލުމަށް ފަހު ފޮނުވާލި ބޯޅަ ގޯލް ތެރެޔަށް ވަނީ މަޑުމަޑުން ފުރޮޅެމުން ގޮހެވެ.