ހަބަރު

ގޮނޑި ގެއްލިއްޖެކަން ނާނގައި އިލްހާމްގެ އިނާޔަތްތައް ކަނޑާލައިފި

ރައްޔިތުން މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަން އެންގުމަކާ ނުލާ، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިނާޔަތްތައް ކަނޑާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިލްހާމް މިއަދު ފޮނުއްވި ސީޓީއެއްގައި ބުނެފައި ވަނީ އޭނާގެ މެންބަރުކަން ގެއްލިފައިވާ މީޑިއާތަކުގައި ހަބަރުފެތުރިފައިވީ ނަމަވެސް އިލެކްޝަން ކޮމިޝަނުން އަދި ރައްޔިތުން މަޖިލީހުން ވެސް އިލްހާމްއަށް އެކަން އަނގާފައި ނުވާ ކަމަށެވެ. އަދި އެއްވެސް އިދާރާއަކުން އިލްހާމްގެ މެންބަރުކަން ގެއްލިފައިވާ ކަން އަނގާފައި ނުވާނަމަ އާންމު އުސޫލުން އިނާޔަތްތައް ލިބެން ޖެހޭނެ ކަމަށާއި ނަމަވެސް އެ އިނާޔަތްތައް ކަނޑާލާފައިވާ ކަމަށެވެ.

"..މަޖިލިސް މެންބަރުންނާއި އެ މެންބަރެއްގެ އާއިލާއަށް ދޭން ޖެހޭ ހެލްތު އިންޝޫރަންސް ނުލިބޭތީ އެކަމާ ސުވާލު ކުރުމުން އެ އިންޝޫރަންސް ވެސް ކަނޑާލާފައިވާ ކަން އެލައިޑް އިންޝޫރަންސް އިން ކަށަވަރުކޮށްދޭ،" އެ ސިޓީގައި ބުނެފައިވެ އެވެ.

އިލްހާމް ވިދާޅުވީ އިނާޔަތްތައް ނުލިބޭތީ އޭނާ މަޖިލީސް މެންބަރުކަން ގެއްލިފައިވޭތޯ ސާފު ކުރަން އެދޭ ކަމަށާއި އެހެންކަމުން އެ ގޮނޑި ގެއްލުނީ ގާނޫނު އަސާސީގެ ކޮން މާއްދާއެއްގެ ދަށުން ކަމާއި ނުވަތަ ކޯޓެއްގެ ކޮން ހުކުމެއްގެ ދަށުން ކަމާއި އެކަމުގެ ސަބަބުން ވީހާ ވެސް އަވަހަށް ސާފުކޮށްދޭން އެދޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ މެންބަރުންގެ މައްސޫލިއްޔަތު އަދާ ކުރުމަށް އެހީތެރިވުމަށް އުފައްދާފައިވާ ތަނެއް ކަމަށާއި އެއްވެސް މެންބަރަކު ވަކި ކުރުމާއި ގޮނޑި ގެއްލުވާލުމުގެ ބާރެއް އެ މަޖިލީހަށް ލިބިފައި ނުވާކަމަށް އިލްހާމް ވިދާޅުވި އެވެ. އެހެންކަމުން ވަކި ފަރާތަކަށް ނުޖެހުމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް މިހެން ވިދާޅުވެފައިވާ އިރު ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ މައްސަލައާ މާދަމާ ސުޕްރީމް ކޯޓްގައި ވަނީ ތާވަލްކޮށްފަ އެވެ.