ޑައިރެކްޓަރު ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އުފައްދަން އޭނާ ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަތައް ދެެކެވޭތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ.
މިހާތަނަށް ޔަގީންވި ކަމަކީ ފިލްމުގެ ލީޑްއެކްޓަރެއްގެ ގޮތުގައި ޓައިގާ ޝްރޮފް ފެނިގެންދާނެކަން އެކަންޏެވެ. މި ސިލްސިލާގެ ފުރަތަމަ ފިލްމާ ހިލާފަށް ދެވަނަ ފިލްމުގެ ލީޑްރޯލުގައި ފެނިގެންދަނީ އެއް ބަތަލު އަދި ދެ ބަތަލާއިންނެވެ.
އެގޮތުން މި ފިލްމުގެ ދެ ބަތަލާއިންގެ ރޯލުން ފެނިގެންދާނެ ކަމަށް އެތަކެއް ނަންތަކެއް ވަނީ އާންމުވެފަ އެވެ. އޭގެ ތެރޭގައި ސާރާ އަލީ ޚާން އާއި ޖާންވީ ކަޕޫރުގެ ނަން ހިމެނުނެވެ.
ނަމަވެސް އެންމެފަހުން މިވަނީ ޓައިގާ އާއެކު މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނެ ތަރިން ޔަގީންވެފަ އެވެ. ޓައިގާ އާއެކު ބަތަލާއިންގެ ރޯލުން ފެނިގެންދާނީ ބޮލީވުޑަށް މުޅިން އަލަށް ނިކުންނަ ދެ މޫނު ކަމަށްވާ ތާރާ ސުތަރިއާ އާއި އަނަންޔާ ޕާންޑޭ އެވެ.
އަނަންޔާ އަކީ މަޝްހޫރު ކޮމޭޑިއަން ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅެވެ. ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާންގެ ގާތް އެކުވެރިޔަކަށް އަނަންޔާ ވާއިރު، އޭނާ ސޯޝަލް މީޑިއާގައި އަނަންޔާގެ ފޮޓޯތައް ވަރަށް ގިނައިން އާންމުކުރެ އެވެ. އުމުރުން 18 އަހަރުގެ އަނަންޔާ ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަކަން އޭނާގެ ބައްޕަ ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
އަދި ތާރާ އަކީ އެކްޓްކުރުމުގެ އިތުރުން ލަވަވެސް ކިޔާ ތާރާ ޓީވީ ތަރިއެއްގެ ގޮތުގައި ތައާރަފުވެފައިވަނީ 2011 ވަނަ އަހަރު ސޮނީއިން ދެއްކި ޝޯ "އެންޓަޓެއިންމަންޓް ކެލިޔޭ ކުޗްބީ ކަރޭގާ" އިންނެވެ. އޭގެފަހުން އޭނާ ވަނީ ޑިޒްނީގެ ޝޯތަށް ކަމަށްވާ "ދަ ސުއިޓް ލައިފް އޮފް ކަރަން އެންޑް ކަބީރް" އާއި "އޮއެ ޖެސީ" އިން ފެނިގެން ގޮސްފަ އެވެ.
މި ފިލްމުގެ ލީޑްރޯލުން ޓައިގާ އާއި ތާރާ އަދި އަނަންޔާ ފެނިގެންދާނެކަން ބައެއް ފަރާތްތަކުން ޔަގީންކޮށްދީފައިވީ ނަމަވެސް ފިލްމު އުފައްދާ ދަރްމާ ޕްރޮޑަކްޝަނުން އަދި އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ހާމައެއްނުކުރެ އެވެ.
ކުރިއަށް ދެ ތިން މަހެއްގެ ތެރޭގައި މި ފިލްމުގެ ތަރިން ހާމަކޮށް ފިލްމުގެ އެންމެފަހުގެ މައުލޫމާތުތައް ހާމަކުރަން އެ ކުންފުނިން ނިންމާފައިވާ ކަމަށްވެ އެވެ.
ދެހާސް ބާރަ ވަނަ އަހަރު ކަރަން އުފެއްދި މި ސިލްސިލާގެ ފުރަތަމަ ފިލްމު، "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ވަނީ މިހާރު އެންމެ ހުނަރުވެރި ޒުވާން ތިން އެކްޓަރުން ކަމަށްވާ އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާތް މަލްހޯތުރާ ތައާރަފުވެފަ އެވެ.