ހަބަރު

ނޭޕާލްގައި ދިވެހި 25 ކުއްޖަކު ތިބި ސަރަހައްދެއްގައި ފެންބޮޑުވެއްޖެ

  • ކުދިންގެ ހާލު މިނިސްޓްރީން ކައިރިން ދަނީ ބަލަމުން
  • އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުވޭ
  • ފެން ބޮޑުވީ އިއްޔެއިން ފެށިގެން ބޯކޮށް ވާރެ ވެހެމުންދާތީ

އަވަށްޓެރި ނޭޕާލަށް މިހާރު ކުރިމަތިވެެގެން އުޅޭ ބޯކޮށް ވާރޭ ވެހުމާއި ފެންބޮޑުވުމުގެ ހާދިސާތަކުގައި ދިވެހި ކުދިންތަކަކަށް އޭގެ އަސަރުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ނޭޕާލުގައި ކިޔަވަން ތިބޭ ދިވެހި ކުދިންގެ ތެރެއިން 25 ކުއްޖަކު ތިބި ސަރަހައްދުގައި ފެން ބޮޑު އޭގެ އަސަރު އެ ދަރިވަރުންނަށް ކޮށްފައިވާ ކަަމަށާއި އެހެން ނަމަވެސް ކުއްޖަކަށް އަނިޔާވުން ފަދަ ކަމެެއް އަދި ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި ބުނީ އެގައުމުގައި ހުންްނަ ސާކްގެ ޑިރެކްޓަރު މެދުވެރިކޮށް ކުދިންގެ ހާލު ކައިރިން ބަލައި އެހީތެރިވުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

އެ ކުދިންގެ އާއިލާތަކުން ބުނި ގޮތުގައި ދިވެހި، ކުދިން ތިބޭ ފްލެޓް އިމާރާތެއްގެ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯގައި ފެންބޮޑުވެ އެ ކުދިން އެ އިމާރާތުގެ ތެރޭގައި ތާށިވެފައިވާ ކަމަށެވެ. އަދި ދިވެހި ކުދިން ތިބެނީ ހަތަރު ވަނަ ފްލޯގައި ކަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.

ނޭޕާލަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 36 އަށް އަރާފައެވެ.

ނޭޕާލުގެ ހޯމް މިނިސްޓްރީއާ ހަވާލާދީ ހިންދުސްތާން ޓައިމްސް ނޫހުން ބުނީ އެގައުމުގެ އުތުރުގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އިތުރުން އެތައް ބަޔަކު ގެއްލިފައިވާ ކަމަށެވެ. ނޭޕާލްގައި ފެންބޮޑުވީ އެގައުމަށް އިއްޔެއިން ފެށިގެން ވެހެމުންދާ ބޯ ވާރޭގެ ސަަބަބުންނެވެ. އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި އެގައުމަށް މާދަމާވެސް ބޯކޮށް ވާރޭ ވެހޭނެއެވެ.