ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެފައިވާ ހުސައިން ހުމާމްއަށް ލިބެން ޖެހޭ ބޮޑެތި ހައްގުތަކެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހިފަހައްޓާފައި ހުރި މައްސަލައެއް އޭނާގެ އާއިލާ ފަރާތުން އެ ސާވިސް އަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅައިފި އެވެ.
ހުމާމްގެ ބައްޕަ ފަރާތުން ހުށަހެޅި އެ ސިޓީގައި ބުނެފައި ވަނީ ހުމާމް އެކަހެރިކޮށް ބަންދުކޮށްފައި ހުރުމުން އޭނާގެ ހާލަތު ހަ ގަޑިއިރުން އެއްފަހަރު ބަލަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވީ ނަމަވެސް ހުމާމްގެ ސިއްހީ ހާލަތު ބަލާ މޮނިޓާ ނުކުރާ ކަމަށާއި އޭނާއަށް ލުބެން ޖެހޭ ސިއްހީ ފަރުވާ ލިބެމުން ނުދާ ކަމަށެވެ. އަދި ހުމާމްގެ ނަފްސާނީ ބައްޔައް ހުންނަ ކަމަށް ބުނެ އޭނާއަށް ގަދަކަމުން ބޭސް ދެމުން އަންނަ ކަމަށާއި ނަމަވެސް އެއީ ކޮން ބޭސްތަކެއް ކަމެއް އާއިލާއަށް އަދި ހުމާމްއަށް ވެސް އެނގިފައި ނުވާ ކަމަށެވެ. އަދި ބޭސް ނުކައިފި ނަމަ ގަޔަށް އިންޖެކްޝަނެއް ޖަހާނެ ކަމަށް ބުނެ ބިރުދައްކާ މަޖުބޫރު ކުރަމުން ދާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ހައްޔަރުކޮށްފައި ތިބޭ މީހުންނަށް އެ މީހުންގެ އާއިލާތަކާ މަހަކު އެއް ފަހަރު ބައްދަލު ކުރުމުގެ ފުރުސަތު ދޭން ޖެހޭ އިރު އާއިލައަށް ހުމާމްއާ ބައްދަލު ކުރުމުގެ ފުރުސަތު އެންމެ ފަހުން ދީފައި ވަނީ މިދިޔަ މޭ މަހުގައި ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި ހުމާމްއާ ބައްދަލު ނުކުރެވެނީ ކޮން ސަބަބަކާ ހެދިކަމެއް ވެސް ނާނގާ ކަމަށް އާއިލާ އިން ބުނެފައިވެ އެވެ.
އޭގެ އިތުރުން އެންޓި ޓޯޗާ ގާނޫނަ ހިލާފަށް ހުމާމްގެ ގޮޅީގައި ދެ ކެމެރާ ހަރުކޮށްފައި ހުންނަ ކަމަށާއި އެހެން ގައިދީންނަށް ރޭޑިއޯ އަޑުއެހުމުގެ ފުރުސަތު އޮންނަ އިރު ހުމާމްއަށް އެ ފުރުސަތު ވެސް ނުދޭ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އާއިލާއިން ބުނެފައިވެ އެވެ. އަދި ހުމާމްއަށް ދޭން ޖެހޭ ކައުންސިލިންތައް ވެސް މިހާރު ނުލިބޭ ކަމަށެވެ.
އާއިލާއާ ބައްދަލު ކުރުމުގެ ފުރުސަތާއި ސިއްހީ ފަރުވާ ކުރުމުގެ ފުރުސަތާއި އެހެން ގައިދީންނަށް ވެސް ލިބޭ އިނާޔަތްތަކާއި ހައްގުތައް ހުމާމްއަށް ވެސް ދިނުމަށް އާއިލާ އިން އެދުނެވެ. އަދި ހައްގުތަކާއި އިނާޔަތްތައް ހަމަޖައްސާދެވެން ނެތް ނަމަ އެކަން ވެސް ލިޔުމަކުން ލިބޭނެ ގޮތް ހަމަޖައްސާ ދެވުމަށް އާއިލާއިން އެދުނެވެ. އޭގެ އިތުރުން މި މަހުގެ ތެރޭގައި ހުމާމްއާ ގުޅޭ އިތުރު ތަހުގީގެއް ކުރަމުންދާތީ މަރުގެ ހުކުމް ފަސް ކުރުމަށް ވެސް އާއިލާ އިން ވަނީ އެދިފަ އެވެ.