ރައްޔިތުންގެ ތާއީދު މިނާނީ ރައްޔިތުންގެ ވޯޓުން ކަމަށާއި ގަދަކަމުން ނެރޭ ސައިކަލާއި ޕިކަޕަކުން ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު ކުރި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ތާއީދު މިނާނީ އެ ރައްޔިތުންގެ ހިތުގައި އޮންނަ ލޯތްބާއި ކުލުނާއި ރަހުމާ ވޯޓުން ކަމަށާއި ގަދަަކަމުން ނެރޭ ފަސް ސައިކަލާއި ދެ ޕިކަޕަކުން ނޫން ކަމަށެވެ.
އަލީ ވަހީދު ރޭ ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވީ ތައުލީމީ މަރުކަޒާއި ސިއްހީ މަރުކަޒުތައް ވަކި ޕާޓީއަކަށް ނެރޭ ހިނދު، ރާއްޖެ ތަހުޒީބެއް އަދި ތަރައްގީއެއް ވެސް ނުވާނެ ކަމަށެވެ.
ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައިގެން ޕީޕީއެމްގެ ހަރަކާތްތަކަށް ގަދަކަމުން ނެރެމުންދާ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ޕީޕީއެމްއަށް ތާއީދު އޮތްކަން ދައްކަން މިހާރު ރަށްރަށުގައި ކުރިއަށް ގެންދަން ހަރަކާތްތަކަށް ދިޔުމަށް ސިވިލް ސާވިސް މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމަށެވެ. އަދި އެ ހަރަކާތްތަކުގައި ބައިވެރިނުވާ މުވައްޒަފުންނަށް އެކިއެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ޕީޕީއެމްއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.