ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަ އަކާއި ގުޅިގެން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިވާން އަންގައިފި އެވެ.
މުސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހަވީރު 4:00 އަށެވެ. ފުލުހުން އޭނާ ހާޒިރުވާން އަންގާފައިވަނީ މިދިޔަ މަހު 28 ވަނަ ދުވަހު ރާއްޖެ ޓީވީ ގެ ޕްރޮގްރާމެއްގައި ރައްޔިތުން ނިކުމެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ބޭރުކޮށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ގައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް މުސްތަފާ ވާހަކަ ދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ބަޔާން ނެގުމަށް ކަމަށެވެ.
މީގެ ކުރިން ވެސް ވަނީ ހަމަ އެ މައްސަލާގައި ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ ޗިޓް ފަހުން ކެންސަލް ކޮށްފަ އެވެ. އަދި ހަމަ އެ މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.
މުސްތަފާ ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު ރައްޔިތުން މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން ވަނީ މިދިޔަ މަހު 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވަން މައްސަލައިގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ. އަދި ކޯޓް އަމުރެއްގެ ދަށުން ބައެއް މެންބަރުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.