އަންނަ އަހަރު ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީން ހޮވާނީ "އެއްލަކިން" ކަމަށާއި އަންނަ އަހަރު ރައީސް ކަމުގެ ހުވާ ރައީސް ޔާމީން ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް "ރާސްޓަސް" ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި މޫސަ ވިދާޅުވީ މިއަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެއްލަކިން ރައީސް ޔާމީން ހޮވާނެ ކަމަށާއި އެކަން އެންމެ ބޮޑަށް ޔަގީންވާ ކަމަކީ އިތުރަށް ރައީސް ޔާމީން އާއި ވާދަ ކުރާނެ ކެނޑިޑޭޓެއް އިދިކޮޅުގައި ނެތުން ކަމަށެވެ. އަދި ޕީޕީއެމުން ވާދަކުރާނީ އިންތިހާބަކަށް ވާކަހަލަ އިންތިހާބެއްގައި ކަމަށާއި ލޯކަންކައުންސިލް އިންތިހާބުގެ ނަތީޖާއިން މިއަންނަ އަހަރު ރައީސް ޔާމީން ހުވާކުރާނެ ކަން ޔަގީންވެގެން ގޮސްފައިވާ ކަމަށެވެ.
މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މާދަމާވެސް ބޭނުންވަނީ ރައްޔިތުން މަޖިލީހުގެ ތެރެއިން ވެރިކަން ވައްޓާލަން ކަމަށާއި އެހެންކަމުން ރައީސް ކަމަށް ވާދަ ކުރެވޭ ވަރުގެ ކެނޑިޑޭޓެއް ދައްކާފައި މިހާރު ހުރި ރައީސް ދުރުކުރަން މަސައްކަތް ނުކުރުމަށެެވެ. އަދި އިދިކޮޅުން ހުސްވެސް ދައްކަނީ ކުރީގެ ރައީސުން ރައީސް ކަމަށް ގެންނަ ވާހަކަ ކަމަށާއި އެމީހުން މިގައުމަށް ކަމެއް ކޮށްދީފަ ނުވާ ކަމަށް ރީކޯ ވިދާޅުވި އެވެ.
"މިފަހަރު މިދަނީ އެއްލަކިން ރައީސް ޔާމީން ހޮވަން، ޔަގީން ވާ ކަމަކީ އިތުރަށް ރައީސް ޔާމީންއާއި ވާދަ ކުރާނެ ރައީސް އެއް ރައީސާއެއް މިތަނަކު ނެތް، އިރާދަކުރެއްވިއްޔާ 2018 ގައި ރައީސް އަބުދުﷲ ޔާމީން ހުވާކުރާނެ ކަން ޔަގީން،" މޫސަ ވިދާޅުވި އެވެ. "މަދުވެގެން ބައިލައްކަ އަށްވުރެ ގިނަ މީހުން ވަނީ ރާއްޖޭގެ މަގުތަކުގައި ރައީސް ޔާމީނަށް އޮތް ތާއީދު ދައްކާފައި، އަދި މީޙުންގ އަދަދު ދައްކަންޔާ ކުރިއަށް އޮތްތަކުގައި އިދިކޮޅުން ފިއްކަނޑައިގެންދާ ވަރުގެ އަދަދެއް ދައްކާދޭނަން،"
ލޯކަލް ކައުންސިލް އިންތިހާބުން 44 ޕަސެންޓް ލިބިގެން ދިއުމުން ރިޔާސީ އިންތިހާބަށް ކުރި ޓާގެޓް ހަގީގަތުގައި ވެސް ދިމާވެފަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބެއްގައި ވޯޓްލާން އާންމު ގޮތެއްގައި ނިކުންނަނީ 85 ޕަސެންޓާއި 92 ޕަސެންޓްގެ ރައްޔިތުން ކަމަށާއި މަދުވަނީ 11 ޕަސެންޓް ކަމަށާއި ކުޑަ މަސައްކަތަކުން އެކަން ކޮށްލައިގެން ރައީސް ޔާމީން ހޮވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.