ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސަން މަނިކު ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިހާންވަނީ ފަނޑިޔާރުންނަށް ގުޅާ ރިޝްވަތު ދޭން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނިހާން ވިދާޅުވީ ޕީޕީއެމްގައި މިހާރު ތިއްބެވި މީހުންގެ ތެރޭގައި ފަނޑިޔާރަކަށް ގުޅާ އަމިއްލައަށް ބޭނުންވާ ގޮތްތަކުގެ ވާހަކަ ދައްކަވަން ކެރޭނެ ވަރުގެ މީހަކު ނުހުންނާނެ ކަމަށެވެ. ނިހާން ވިދާޅުވީ އެގޮތަށް ފަނޑިޔާރުންނަށް ގުޅާ، ވާހަކަތައް ދެއްކުމަކީ "ހެއްވާ" ކަމެއް ކަމަށެވެ.
"ހާއްސަކޮށް ދެ ހަސްމެއްގެ މެދުގައި ޝަރީއަތުގެ މަޖިލީހުގައި ކަމެއް ނިންމަން އިންނަ ފަނޑިޔާރަކަށް ގުޅާކަށް ނުވާނެ އެއްވެސް މީހަކު. އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ނުގުޅާނެ، އިދިކޮޅު ފަރާތްތަކުން މިހާރު ތިއްބެވި ބޭބޭފުޅުންގެ ތެރެއިން މިކަހަލަ ކަމަކަށް ނަމްބަރު ޑައިލްކޮށްލަން ކެރިވަޑައިގަންނަވާ ބޭފުޅަކު ހުރިއްޔާ މިރެއިން ފެއްޓިގެން އެކަން ހުއްޓަވާލައްވާ، އަޅުގަނޑުމެން ހަރުކަށި އިބާރާތުން އެކަންކަން ކުށްވެރި ކުރަން،" ނިހާން ވިދާޅުވި އެވެ.
"ތިމާގެ އަމިއްލަކަމެއް ޖެހިލާއިރަށް ގުޅަންވީ ފަނޑިޔާރުގެއަށް އެ ހެޔޮ ވަޓްސްއެޕުން ކަމަށްވިޔަސް، ހެޔޮ ޓެލެގްރާމުންވެސް، އަޅުގަނޑު މި ދަންނަވަނީ އެކަހަލަ ކަންތައް ކުރައްވާފައި ނުކުމެ އިންސާފޭ، މުސްތަގިއްލު ކަމޭ، އިސްތިގުލާލޭ، މިކަހަލަ ވާހަކަތައް ދެއްކެވީމަ ވަރަށް އުނދަގޫ އެވާހަކަތައް ގަބޫލުކުރަން، ކުރިން ރޭ ވެސް އަޅުގަނޑު ދަންނަވާލިން ގިނަ ފަހަރަށް އެއްގޮތަކަށްވެސް ވިސްނުންނުގެންގުޅުއްވައޭ މި ދަންނަވާލަނީ ކުޑަ މީހާއަށް ކުޑަ ކެކުރި ބޮޑު މީހާއަށް ބޮޑު ކެކުރި، ހަމަ އޭރުގެ އެ ބުރަ މަސައްކަތުގެ ތެރޭގައި ކުޑަ ކާފާއި ބޮޑު ކާފުގެ ވާހަކަވެސް ތަންތާ އަރާހަމަ ނުދައްކަން، އެކަހަލަ ވާހަކައެއް ނުވެސް ދައްކާ މި ތިބެނީ، އެނގުނު ކަމަށްވެސް އަޅުގަނޑުމެން ނަހަދަން،" ނިހާން ވިދާޅުވި އެވެ.
ނިހާން، ރައީސް މައުމޫނަށް ތުހުމަތުތަކެއް ކުރައްވާ ވާހަކަ ދައްކަވާފައިވަނީ ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމިން ކަންތައް ކުރައްވަނީ ދެރަ މީހާއަށް ދެރަ ގޮތަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ނިހާންގެ ވާހަކައިގައި އިތުރަށް ވިދާޅުވީ މި ސަރުކާރުން މި ކުރިއަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކާއި، ޕީޕީއެމުން ކުރިއަށް ގެންދާ ހަރަކާތްތަކަށް ބަލާފައި 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ފެން މެޓައެއްހާ ފަސޭހަ ކަމެއް ކަމަށެވެ.