ހަބަރު

ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނެކަމުގެ އިޝާރާތެއް

އަންނަ އަހަރުގެ ތެރޭގައި ސަރުކާރު ވަޒީފާތަކުގައި މަސައްކަތް ކުރައްވާ މުއައްޒިފުންގެ މުސާރަތައް ބޮޑު ކުރާނެ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ދެއްވައިފި އެވެ.

ޕީޕީއެމްގެ އާ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަލަށް ހެދި ޕޭ ކޮމިޝަނެ މެދުވެރިކޮށް ސިވިލް ސާވަންޓުންގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކުރުމާއި މުއައްޒިފުންނަށް ދެވޭ އިނާޔަތް އިތުރު ކުރުމަށް މަސައްކަތްތަކެއް މިހާރު ކުރަމުން ދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން ސަރުކާރުގެ މުއައްޒިފުންނަށް ރަނގަޅު އުންމީދުތަކެއް ގެނެސްދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މި ސަރުކާރުގައި ސިވިލް ސާވިސްގެ އެއްވެސް މުއައްޒިފަކަށް މުސާރަ ލިބެންވާ ދުވަހު ނުލިބި ނުދާނެ. އޭގެ އިތުރުން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެތަށް ހާސް މުއައްޒިފުންތަކަކަށް އަންނަ އަހަރުގެ ބަޖެޓުން އާ އުންމީދުތަކެއް ލިބޭނެ ގޮތް ހެދުމަށް މި ދަނީ މަސައްކަތް ކުރަމުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިވިލް ސާވަންޓުންނަށް އަޅާ ނުލާކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެ މުއައްޒިފުންނަށް މުސާރަވެސް ނުދީ އެ ސަރުކާރުން އެތަށް އަހަރުތަކެއް ހިފެހެއްޓި ކަމަށެވެ. އަދި ކޯޓުން އެންގުމުން ވެސް މުސާރަ ދޭން އެއްބަސްނުވި ކަމަށާއި ނަމަވެސް އެ މުސާރަތައް ހޯދާދިނީ އިދިކޮޅުގައި ތިއްބަވައިބެން މަޖިލީހުގެ ތެރޭގައި ކުރެއްވި މަސައްކަތުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.