ލައިފްސްޓައިލް

ނުރަޖެހުން ހުއްޓުވަން ވަންނަންވީ ބަދިގެއަށް

Aug 16, 2017
2

އުމުރުން 35 އަހަރަށް އަޅައިގެން އަންނަ އިރު ބޮލުގައި ނުރަޖެހުމުގެ މައްސަލަޔާއި ގިނަ މީހުންނަށް ކުރިމަތިވެ އެވެ. ބައެއް މީހުންނަށް އެއީ އެެއްވެސް ކަމެއް ނޫނެވެ. އެހެން ނަމަވެސް ޒުވާންކަން މަތީ ރީތިކޮށް ހުންނަން ބޭނުންވާ މީހުން "ސްޓްރެސް"ކޮށްލާ ކަމަކަށް އެކަންވެ އެވެ. ބޮލުގައި ނުރަ ޖަހަން ފެށުމާއެކު އެންމެ ފުރަތަމަވެސް ދުއްވައިގެނެވެނީ ބޯ ކަޅު ކުރާނެ ބޭހެއް ހޯދާށެވެ. ނުވަތަ ބޯ ކަޅު ކުރަން ސެލޫނަކާއި ދިމާއަށެވެ.

ތި ހުރިހާ ބޭސްތަކެއް ބޭނުން ނުކުރިއަސް ބޮލުގައި ޖަހާ ނުރަ ކަޅުކޮށް އިތުރަށް ނުރަޖެހުން ހުއްޓުވުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ހަމަޖެހިލައިގެން ގޮސް ބަދިގެއަށް ވަދެލަބަލާށެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަންނާނެ އެކައްޗަކީ އަލުވި އެވެ. އޭގައި ގިނަ އަދަދަކަށް ސްޓާޗް ހިމެނުމަކީ އިސްތަށިގަނޑުގެ ކުލަ ބަދަލުވިޔަ ނުދި ހިފައްޓާލާނެ ކަމެކެވެ. ބޭނުމީ ދެތިން މަސް ދުވަހެވެ. އެންމެ ފުރަތަމަ އަލުވި މެށުމަށްފަހު އޭގެ ތޮށިތައް ފެނުކައްކާށެވެ. ގާތްގަނޑަކަށް ދ ެޖޯޑު ފެން ރަނގަޅުވާނެ އެވެ. ކައްކާލުމަށްފަހު 10 ވަރަކަށް މިނެޓުފަހުން ބޮލުގައި އެ ފެން އުނގުޅާށެވެ. ތިރީސް ވަރަކަށް މިނެޓު ވަންދެން ބެހެއްޓުމަށްފަހު ބޯ ދޮންނާށެވެ.

ގީ އަކީވެސް ބަދިގޭގައި އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. ގީ ބޭނުންކޮށްގެން ބޯ މަސާޖުކޮށްލުމަށްފަހު ގަޑިއެއްހާ އިރު ފަހުން ރަނގަޅަށް ބޯ ދޮންނާށެވެ. ހަފްތާއަކު ދެ ފަހަރު ގީ އިން ބޯ މަސާޖު ކުރަންވާނެ އެވެ. ގިނަ ދުވަހެއް ނުވެ އިސްތަށިގަނޑު ކަޅުކޮށްލާ ނަތީޖާ ފެންނަން ފަށާފާނެ އެވެ.

ދެން ހުރީ ކޮފީ އެވެ. ދިވެހުންނާ ރައްޓެހި އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. ގާތްގަނޑަކަށް ދެއެއް ނުވަތަ ތިން ސަމްސާގެ ކޮފީ 100 އެމްއެލް އާއި 150 އެމްއެލް އާ ދމެދުގެ ފެނުގައި ކައްކާށެވެ. އޮލަ ވަންދެން ކެއްކުމަށްފަހު ހިހޫވުމުން ބޮލުގައި އުނގުޅާށެވެ. ސާޅީސް ފަސް ވަރަކަށް މިނެޓު ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.

މިތިނެއްޗަކީވެސް އާންމުކޮށް ގޭގައި ބޭނުންކުރާ އަދި ފަސޭހައިން ލިބޭ އަގުހެޔޮ އެއްޗެއްސެވެ. ބޮލުގައި ނުރަޖެހިއަސް ހާސްވާނެ ކަމެއް ނެތެވެ. ކަޅު ކުރަން ބޭނުންނަމަ އެއީ އުނދަގޫ ކަމެއް ނޫނެެވެ.