ލައިފްސްޓައިލް

ކޮންމެ ދުވަހަކު 20 މިނެޓު ބައިސްކަލު ދުއްވާ!

Aug 17, 2017
1

ހެނދުނު ހޭލައިގެން ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން ކަސްރަތު ކުރާ މީހުންގެ އަދަދު މިހާރު އަންނަނީ ގިނަ ވަމުންނެވެ. ދުވަހުގެ ކޮންމެވެސް ވަގުތެއް ހުސްކޮށްގެން ޖިމަށް ދާ މީހުންވެސް ގިނަ އެވެ. ސިއްހަތަށް ބަލާ މީހުން ގިނަ ވުމަކީ އުފާވެރި ހަބަރަކަށް ނޫނީ ނުވާނެ އެވެ. އަދިވެސް ކަސްރަތު ނުކުރާ މީހުންގެ އަދަދުވެސް އެހާ ގިނަ އެވެ. ހިކެން ބޭނުންވި ނަމަވެސް އެހާ ހިތްވަރެއްވެސް ނުލިބެނީ އެވެ.

އެ މީހުންނަށް މިއީ ރަނގަޅު ކަސްރަތަކަށް ވާނެ އެވެ. ފަތިހު ހޭލައިގެން ބައިސްކަލު ދުއްވާލަން ދާށެވެ. ފަތިހު މާލޭގެ މަގުތައްވެސް ވަރަށް އަމާނެވެ. މާގިނަ އިރު ދުއްވާނެ ކަމެއް ނެތެވެ. ވިއްސަކަށް މިނެޓު ރަނގަޅުވާނެ އެވެ. ސައިންސްވެރިން ބުނަނީ އުމުރުން 18 އަހަރާއި 64 އަހަރާއި ދެމެދުގެ މީހުން ކޮންމެ ދުވަހަކުވެސް 20 މިނެޓު ބައިސްކަލު ދުއްވައިގެން ހަފްތާއަކު އެއް ހާސް ކެލޮރީޒް ހަށިގަނޑުން ވިރުވާލެވިދާނެ ކަމަށެެވެ.

މާބާރަކަށް ބައިސްކަލު ދުއްވާކަށްވެސް ނުޖެހެ އެވެ. ހިތު ހިސާބަށް ގާތްގަނޑަކަށް 12 މީޓާ ޕާ އަވާ ގައި ދުއްވާށެވެ. އެއީ ފުދޭ ވަރަކަށް ދަށް ސްޕީޑެކެވެ. ސައިކަލު ދުއްވާ މީހުންނަށް ހިތުންވެސް އެ ސްޕީޑް އެނގޭނެ އެވެ.

ކޮންމެހެނަކުން ފަތިހު ހޭލައިގެން ނުދިޔަޔަސް ރަނގަޅުވާނެ އެވެ. މިސާލަކަށް އެއީ ސައިކަލުގެ ބަދަލުގައ ބައިސްކަލު ބޭނުން ކުރާނަމަ އެވެ. އޮފީހަށް ބައިސްކަލުގައި ދާނަމަ އެވެ. ބައިސްކަލު ދުއްވަން ފަތިހު ދާން ބުނެލީ ދުވާލުގެ ބުރަ ދިރިއުޅުމުން އަވަހަށް ހުސް ވަގުތެއް ނުލިބިދާނެތީ އެވެ. ކޮންމެ ވަގުތެއްވެސް އެންމެ ރަނގަޅުވާނެ އެވެ. އެކަމަކު ފަތިހާއެކު ދުވަސް ތާޒާކޮށް ފެށިދާނެ އެވެ.

ކެލޮރީޒް ވިރުވާލުމުގެ އިތުރުން ބައިސްކަލު ދުއްވުމަކީ ހަށިގަނޑުގެ މަސްތައްވެސް ހަރުކޮށްދޭނެ ކަމެކެވެ. އެކަމަކު ހުޅުހުޅުގައި ރިއްސާބަލި ހުންނަ މީހުންނަށް މިއީ އެހާ ރަނގަޅު ކަސްރަތެއް ކަމަށް ނުވެދާނެ އެވެ. އަދި އެކަމަކީ މީހާގެ ސިކުނޑި ތާޒާކޮށްދީ ހަލުވިކޮށްދޭނެ ކަމެއް ކަމަށްވެ އެވެ. ހަކުރު ބަލލި ފަދަ ބަލތަކުންވެސް މީހާ ދުރުކޮށްދޭނެ އެވެ.