ލ. ފޮނަދޫ ބަނދަރު އެއްގަމުތޮށި ހެދުމުގެ މަސައްކަތާއި ކ. ކާށިދޫ ނެރު ހެދުމުގެ މަސައްކަތް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި ސެނޮކް ޓްރޭޑް ކޮމްބައިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރު މަހޭޝް ތެނުވާރެވެ.
ކާށިދޫ ނެރުހެދުމުގެ މަސައްކަތް 338 ދުވަހުގެ ތެރޭގައި ސެނޮކާއި ހަވާލު ކޮށްފައިވަނީ 15.4 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން 1200 މީޓަރު ގެ އާ ނެރު ހެދުމާއި ނެރުބައްތި ޖެހުން ހިމެނެ އެވެ. އަދި ފޮނަދޫ ބަނދަރު އެއްގަމުތޮށީގެ މަސައްކަތް 380 ދުވަހުގެ ތެރޭގައި ސެނޮކާއި ހަވާލުކޮށްފައިވަނީ 13.35 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން 166 މީޓަރުގެ އެއްގަމު ތޮށި ހެދުމާއި 12 މީޓަރުގެ ކޮންކުރީޓް ރޭމްޕެއް ހެދުމާއި ބަނދަރުގެ ލައިޓް ޖެހުމާއި ޕޭވްމެންޓް ހެދުމުގެ އިތުރުން 12މ ރިވެޓްމެންޓް ޖެހުމެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފޮނަދޫ ބަނދަރަށް ބަދަލު ތަކެއް ގެންނަން ޖެހުނީ މިހާރު އޮތްގޮތުން އެކަށީގެންވާ ގޮތެއްގައި ބަނދަރުގެ ބޭނުން ކުރަން ދަތިވެފައިވާތީ ކަމަށާއި މަސައްކަތް ނިމުމުން ރައްޔިތުންނަށް ބަނދަރުގެ ބޭނުން ކުރުން ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އެއަށްވުރެ އަވަހަށް މަސައްކަތް ނިމިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކާށިދޫ ނެރަކީ މިނިސްޓްރީން މިހާތަނަށް ހަދާ އެންމެ ދިގު ނެރު ކަމަށާއި ބޮޑު އަދި ދިގު ނެރަކަށް ވާތީ ވަރަށް ބޮޑު އެއްޗެއް ހޭދަވެގެން ދާނެ ކަމަށެވެ. އަދި ނެރު ކުނޑުމުގެ ސަބަބުން ރަށަށް ކައިރި ކުރުމުގައި ފަސޭހަ ވެގެންދާނެ ކަމަށެވެ.
"މި މަޝްރޫއު ތަކަކީ މިއަހަރުގެ ބަޖެޓްގެ ތެރޭގައި ހިމެނިފައިވާ ދެ މަޝްރޫއު، މި މަސައްކަތްތައް މިއަހަރު ތެރޭގައި މި މިސައްކަތްތައް ފެށިގެންދާނެ ކަމަށް ގަބޫލު ކުރެވޭ" މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ އާއި ކާށިދޫގެ ކައުންސިލް މެންބަރުންވެސް ބައިވެރިވެފައި ވެއެވެ.