ދުނިޔެ

ފިންލޭންޑްގައި ވަޅިން ހަމަލާދީ އެތައް ބަޔަކު ޒަހަމްކޮށްލައިފި

ފިންލޭންޑްގެ ޓާރްކޫ ނަމަކަށް ކިޔާ ރަށުގައި މީހަކު ވަޅިން ހަމަލާދީ އެތައް ބަޔަކު ޒަހަމްކޮށްލައިފިއެވެ.

ފިންލޭންޑް ފުލުހުންނާ ހަވާލާދީ ރޮއިޓާސް ބުނީ ވަޅިން ހަމަލާދިން ހާދިސާއާ ގުޅިގެން ބަޑީގެ ހަމަލާއެއްދީ މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ. އަދި ބުނީ އެހާދިސާއާ ގުޅިގެން އިތުރު މީހުން ހޯދަމުން އަންނަ ކަމަށާއި ޓާރްކޫ ސިޓީގެ މެދު ތެރޭގައި ގެއިން ބޭރުގައި ނޫޅުމަށް މީހުންނަށް އަންގާފައިވާ ކަމަށެވެ.

ތަ ޓޫރުން ސެނޮމޭޓް ނަމަކަށް ކިޔާ ނޫހުން ބުނީ ވަޅިން ދިން ހަމަލާގައި އެކަކު މަރުވެފައިވާ ކަމަށެވެ. އަދި ހެލްސިންގިން ސެނޮމޭޓް ނަމަކަށް ކިޔާ ނޫހުން ބުނީ ހަމަލާގައި ޒަހަމްވި އަށް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ބުނީ އޭގެ ތެރެއިން ބައެއް މީހުންގެ ހާލުބޮޑުކަމަށެވެ.

ފިންލޭންޑްގެ އިންޓީރިއާ މިނިސްޓަރު ޕައުލާ ރިސީކޯ ވިދާޅުވެފައި ވަނީ ހަމަލާއާއި ޓެރަރިޒަމާ ގުޅުމެއް އޮތް ކަަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގޭ ކަމަށެވެ.

ފިންލޭންޑަކީ އާއްމުގޮތެއްގައި އަމާން ގައުމަކަށް ވިޔަސް އެގައުމުގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށްޓަކައި ސަމާލުވުމަށް އެގައުމުގެ ޖާސޫސީ އިދާރާއިން މިދިޔަ ޖޫންމަހު ވަނީ ބުނެފައެވެ. އެގޮތުން ފިންލޭންޑްގައި ޓެރަރިޒަމާ ގުޅުން ހުރި ސީރިއަލް ރޭވުންތަކެއް ބަޔަކު ރާވަމުން ދާކަން އެނގޭ ކަަމަށް އޭރު ބުންޏެވެ.

ފިންލޭންޑްގައި މިފަދަ ހަމަލާއެއް ދީފައި މިވަނީ ސްޕެއިންގެ ވެރިރަށް ބާސެލޯނާގައި ރޭ ވޭނަކުން ޖައްސައިގެން ދިން ހަމަލާއެއްގައި 13 މީހުން މަރާލައި 100 މީހުން ޒަހަމްކޮށްލާފައި ވަނިކޮށެވެ.