ލައިފްސްޓައިލް

ދުވާލު ނިދަން އެންމެ ރަނގަޅީ 3 ޖަހާއިރު

Aug 20, 2017
1

ދުވަހުގެ ބުރަ ޝެޑިއުލުން ނިދާލަން 30 މިނެޓު ނުލިބޭ މީހުން ވަރަށް ގިނަ އެވެ. އެކަމަކު އެއީ މީހާގެ ސިއްހަތަށް ވަރަށް މުހިންމު 30 މިނެޓެވެ. ކިތަންމެ ވަރުބަލިވި ނަމަވެސް މަސައްކަތައިގެން ކުރިއަށް ދިއުން ނޫން ގޮތެއް ނެތެވެ. އެހެން ނަމަވެސް އެންމެ މަދުވެގެން 30 މިނެޓު ދުވާލު ގަޑީގައި ނިދާލެވިއްޖެނަމަ އެމީހާގެ ސިއްހަތަށާއި، މަަސައްކަތަށް އަދި ސިކުނޑީގެ ތަރައްގީއަށް އެދެވޭ ބަދަލުތަކެއް ލިބޭނެ އެވެ.

އަދި ދުވާލު ގަޑީގައި ނިދާލަން އެންމެ އެކަށީގެންވާ ވަގުތެއް ކަމަށް ސައިންސްވެރިން ބުނަނީ މެންދުރު ފަހު ތިނެއް ޖަހާއިރު އެވެ. އެ ގަޑިއަކީވެސް މެންދުރުގެ ކެއުމަށްފަހު ލިބޭ ލޮޑުކަމުގެ ސަބަބުންނާއި، ކަންކަމަށް ދެވޭ ސަމާލުކަން ދަށްވެފައިވާ ވަގުތެއް ކަމަށްވާތީ އެވެ.

އެގަޑީގައި ނިދުމަށްފަހު 20 - 30 މިނެޓު ތެރޭގައި ހޭލާ މަސައްކަތަށް އަނބުރާ ރުޖޫއާ ވާން ވާނެ އެވެ. އެއަށްވުރެ އިތުރަށް ނިދައިފިނަމަ ގަދަ އަދި ފުން ނިންޖެއްގެ ތެރެއަށް މީހާ ގެނބިގެންދާނެ އެވެ. އަދި ހޭލުމަށްފަހުވެސް ނުނިދި ނުފިލާ މުޅި ދުވަހުގެ މޫޑު ގޯސްވެދާނެ އެވެ.

ރޭގަނޑު އެންމެ މަދުވެގެން ފަސް ގަޑިއިރުގެ ނިދި ނުލިބޭނަމަ ކޮންމެހެންވެސް ދުވާލު ގަޑީގައި 30 ވަރަކަށް މިނެޓު ނިދާލަން ވާނެ އެވެ. އެހެން ނޫނީ ސިކުނޑި މާބޮޑަށް ވަރުބަލިވެދާނެ އެވެ. އެކަމަކު ދުވާލު މާގިނައިރު ނިދުމަކީވެސް ރޭގަނޑުގެ ނިދި ދުރުވާނެ ކަމެކެވެ.

ދުވާލު ގަޑީގެ ނިންޖަށްފަހު މީހާގެ މަސައްކަތްތެރިކަން އިތުރުވެ، ކްރިއޭޓިވް ލެވެލް ވެސް އިތުރުވެ އެވެ. އަދި ހަނދާން ގަދަވެ ކަންތައްތައް ދަސްކުރަންވެސް ފަސޭހަވާ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. މީހާގެ ސިކުނޑިވެސް ތާޒާކޮށްދޭނެ އެވެ.

ނިދި ހަމަނުވުމަކީ ކަންކަމަށް ދެވޭ ސަމާލުކަން ދަށްކޮށްލާ، ދިފާއީ ނިޒާމްގެ ބާރު ދެރަވެ މީހާގެ މޫޑަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެކެވެ.