ހަބަރު

އަމީތު، ވައްޑެ އަދި ސައުދަށް ވެސް ދައުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފި އެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ. އެ ދުއުވާ އެ މެންބަރުންގެ މައްޗަށް ކުރަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާތީ އެވެ.

މި މައްސަލާގައި ތިން ބޭފުޅުން ވެސް ހައްޔަރުކުރިއިރު ވައްޑެ މިހާރު ހުންނެވީ ޝަރުތުތަކާއެކު ދޫކޮށްލާފަ އެވެ. ނަމަވެސް ސައުދާއި އަމީތު އަދިވެސް ތިއްބެވީ ހައްޔަރުގައި ދޫނިދީގަ އެވެ.

ތިން ބޭފުޅުންގެ ގޮނޑީގެ މައްސަލަ ވެސް ސުޕްރީމް ކޯޓުން ވަނީ ނިންމާލާފަ އެވެ. އެ މައްސަލާގައި ދެން އޮންނާނީ ހުކުމެވެ. ބެލެވޭ ގޮތުގައި މި ހަފުތާ ތެރޭގައި އެ މައްސަލަތަކުގެ ހުކުމް އިއްވާނެ އެވެ.