ހަބަރު

ޕާޕާއަށް ޖަލުގެ އަސާސީ ހައްގުތަށް ނުލިބޭ މައްސަލަ ހުށަހަޅައިފި

އަހުމަަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ގައިދީންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ލިބެމުންނުދާ ކަމަށް ބުނެ އާއިލާއިން ކަރެކްޝަނަލް އަށް މައްސަލަ ހުށަހަޅައިފި އެވެ.

ޕާޕާގެ އަނބިކަނބަލުން، ކޮމިޝަނަރު އޮފް ޕްރިޒަނާސް އަހުމަދު ޝިހާން އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ 24 ފެބްރުއަރީ 2016 ވަނަ އަހަރު މާފުށި ޖަލަށް ގެންދިޔަ ފަހުން މިއަދާ ހަމަޔަށް އެތަކެއް ހައްގުތަކެއް ގެއްލިފައިވާ ކަމަށާއި ޕާޕާގެ ބޭސް ފަރުވާއަށް ކަރެކްޝަނުން ދަނީ ހުރަސް އަޅަމުން ކަމަށެވެ. އެގޮތުން ޕާޕާގެ ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ކުރުމަށް ފިޒިއޮތެރަޕީ ހަދަން ޑޮކްޓަރު އިރުޝާދުދީފައިވާ އިރު ފިޒިއޮތެރަޕީ ހައްދަން ގެނައީ ދެފަހަރު ކަމަށާއި އެކަން ހުއްޓާލިތާ ތިން މަސް ވެއްޖެ ކަމަށެވެ. އަދި ދަތުގެ ފަރުވާއަށް ޑޮކްޓަރަށް ދައްކަން އެދުމުންވެސް މިއަދާ ހަމައަށް ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށް އޭނާގެ އަންހެނުން ވިދާޅުވެފައިވެ އެވެ.

ސިޓީގައި ބުނެފައިވަނީ ޕެރޯލް ގަވާއިދުގެ ދަށުން ދުވާލަކު އެއް ގަޑިއިރު ބޭރަށް ނިކުމެ ކަސްރަތުކުރަން ބޭރަށް ނެރެންވާނެ ކަމަށް އަންގާފައިވާ ކަމަށާއި ނަމަވެސް ބޭރަށް ނުނެރެ 24 ގަޑިއިރު ގޮޅީގައި ބަންދުކޮށްފައި ބަހައްޓާ ކަމަށެވެ. އަދި ގާނޫނީ ވަކީލުން އައްޔަންކޮށް ވަކީލުންނާއި ބައްދަލުކޮށް މަޝްވަރާ ހޯދުމުގެ ފުރުސަތުވެސް ނުދީ އެކަމަށް ހުރަސް އަޅާފައިވާ ކަމަށް ސިޓީގައި ވެއެވެ.

"އަޅުގަނޑުގެ ފިރިމީހާ އަކީ 30 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ދައުލަތަށް ހިދުމަތް ކޮށްދެއްވާ، ރައީސުލްޖުމްހޫރިއްޔާ ޕެންޝަން ހަމަޖައްސަވައި ދެއްވާފައިވާ ފަރާތަކަށް ވާހިނދު، މޯލްޑިވްސް ކަރެކްޝަން ސާވިސް އިން އަޅުގަނޑުގެ ފިރިމީހާއަށް ލިބެންޖެހޭ އެއްވެސް އިނާޔަތެއް މިއަދާއި ހަމައަށް ހަމަޖެހިފައިނުވާ ކަން ފާހަގަ ކުރަން، އަދި މީގެ އިތުރުން އެއްވެސް ސަބަބެއް ބަޔާން ކުރުމެއްނެތި އައިލީ ފޯންކޯލް ދިނުން ހުއްޓާލާފައިވޭ" ސިޓީގައި ވެއެވެ.

"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޕާޕާގެ މައްޗަށް ވަނީ ދެ އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.