ކުޅިވަރު

މިލާންގެ ދެ ކުލަބަށްވެސް ރަނގަޅު ފެށުމެއް

Aug 21, 2017

ދިހަ ކުޅުންތެރިންނާއެކު ކުޅުނު އެފްސީ ކްރޮޓޯނޭ އާ ދެކޮޅަށް ކުޅުނު މެޗު 3-0 ން ކާމިޔާބު ކޮށް އޭސީ މިލާން މޮޅަކުން ލީގް ފެށިއިރު، ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު 3-0 ކާމިޔާބު ކޮށް، ވާދަވެރި އިންޓަ މިލާންވެސް ލީގްގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ކްރޮޓޯނޭގެ އެއް ކުޅުންތެރިޔަކު މަދުވީ، މެޗުގެ ތިން ވަނަ މިނެޓްގައި އެޓީމުގެ ފެޑްރީކޯ ޗެއްކިރީނީ އަށް ރަތް ކާޑު ދެއްކުމުން ނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ، އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން، މިލާންގެ ޕެޓްރިކް ކްޓްރޯނޭ ވައްޓާލުމުން ނެވެ. ރެފްރީ ރަތް ކާޑު ދެއްކީ، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ޓެކްނޮލަޖީ އިން އެ ހާދިސާގެ ރިޕްލައި ބެލުމަށް ފަހު އެވެ.

ކްޓްރޯނޭ ވައްޓާލުމުން، ދިން ޕެނަލްޓީގައި، މިލާންއަށް، ލީޑް ނަގައިދިނީ، ފްރެންކް ކެއިސޭ އެވެ. މިލާންގެ ދެ ވަނަ ލަނޑު 18 ވަނަ މިނެޓްގައި، އުމުރުން 19 އަހަރުގެ، ކްޓްރޯނޭ ކާމިޔާބު ކުރީ ސޫސޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ. ތިން ވަނަ ލަނޑު، 23 ވަނަ މިނެޓްގައި ސޫސޯ ކާމިޔާބު ކުރީ ކްޓްރޯނޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ.

އަމިއްލަ ދަނޑުގައި، ކުޅުނު މެޗުގައި، އިންޓަގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ މައުރޯ އިކާރްޑީ އެވެ. އޭނާ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން ނެވެ.

އިކާރްޑީ ދެ ވަނަ ލަނޑު ޖެހުމުގައި، ހިއްސާވީ، މެނެޗެސްޓާ ޔުނައިޓަޑުން ގެންދިއުމަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކްރޭޝިއާގެ އީވާން ޕެރިސިޗް އެވެ. ތިން ވަނަ ލަނޑު ޕެރިސިޗް ކާމިޔާބު ކުރީ، ޖޯއޯ މާރިއޯ ތަނަވަސް ކޯށްދިން ފުރުސަތަކުން ނެވެ.