ހަބަރު

އިތުރު ހައްޖު ކޯޓާ އާ ބެހޭގޮތުން މިނިސްޓްރީގެ ބަހެއް ނެތް!

ހައްޖުގެ އަޅުކަމަށް މީހުން ގެންދަން ރާއްޖެއަށް ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު ހަމަޖައްސައިިދިން އިތުރު ކޯޓާއާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީގެ ކޮމެންޓެއް ނެތް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު 1،000 ކޯޓާ ހަމަޖައްސައިިދިން ކަމަށާއި އެތަނުން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށަށް ލިބިފައިވާތީ އެ ކޯޓާތަކުގައި ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް އެ ކޯޕަރޭޝަނުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ އެކްޓިން މީޑިއާ ކޯޑިނޭޓާ އަހްމަދު ރިޒާ ވިދާޅުވީ ކޯޓާގެ ކަންތައްތަކާއި ބެހޭގޮތުން އާންމުންނަށް މައުލޫމާތު ލިބިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކަމަށާއި އެކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ކޮމެންޓެއް ނެތް ކަމަށެވެ.

"ހައްޖު ކޯޕަރޭޝަނުންނެއް ނޫންތޯ އިތުރު 500 ހައްޖު ކޯޓާ ލިބިފައިވާ ކަމަށް ވިދާޅުވީ. މިނިސްޓްރީން މިހާތަނަށް އެކަމާ ގުޅޭގޮތުން އަދި އޮފިޝަލް ކޮމެންޓެއް ނެތް،" ރިޒާ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނުގައި ބުނެފައިވަނީ ކުރިއަށް އޮތް އަހަރުތަކުގައި ހައްޖަށްދާން އެ ކޯޕަރޭޝަނަށް ފައިސާ ދައްކާ ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކާއި، ފައިސާ ދައްކަމުންދާ ފަރާތްތަކުގެ ތެރެއިން މި އަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް އަދި ވަގުތުން ފައިސާ ދައްކައިގެން ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރެވޭނެ ކަމަށެވެ.

އެގޮތުން ހައްޖަށް ދާން ބޭނުންވާ ފަރާތަތްތަކުން މިރޭ 10:00 ގެ ކުރިން ހައްޖު ކޯޕަރޭޝަނަށް ގުޅައިގެން ނަން ނޯޓު ކުރަންޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެހެން ދަތުުރުތަކެކޭ އެއްގޮތަށް މި ދަތުުރުގައި ވެސް ދެ އުމްރާ ކުރުމުގެ ފުރުސަތާއި މަދީނާއަށް ޒިޔާރަތް ކުރުމުގެ ފުުރުސަތު ލިބޭނެ ކަމަށެވެ. އެ ކޯޓާގެ ދަށުން ހައްޖަށްދާ ފަރާތްތަކުން ފުރަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. މިއަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ ފަރާތްތައް މިހާރު ވަނީ މައްކާއަށް ގޮސްފަ އެވެ.

ސައުދީ އިން މިދިޔަ އަހަރުވެސް ހައްޖަށްދާން ރާއްޖެއަށް 2،000 ކޯޓާ ދީފައިވެ އެވެ.