ހަބަރު

"ރަސްރަނި ބަގީޗާ" ގެ ނަމުގައި ސަލްޓަން ޕާކު ހުޅުވައިފި

މާލޭގެ އެންމެ ބޮޑު ޕާކު ކަމުގައިވާ ސަލްޓަން ޕާކު ގިނަ ބަދަލުތައް ގެނެސް ތަރައްގީ ކުރުމަށް ފަހު "ރަސްރަނި ބަގީޗާ" ގެ ނަމުގައި މިރޭ އަލުން ހުޅުވައިފި އެވެ. އެ ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ. ކުރީގެ ރަސްކަމުގެ ގަނޑުވަރު ހުރި ބިމުގައި ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ހަދާފައިވާ އެ ޕާކުގެ ނަން ބަދަލު ކުރި ފުރަތަމަ ފަހަރެވެ.

ރަސްރަނި ޕާކް ތަރައްގީކޮށްފައިވަނީ މާލޭގެ އެހެން ޕާކުތައް ތަރައްގީކޮށްފައިވާ ގޮތާއި ތަފާތު ކޮންސެޕްޓަކަށެވެ. އެއީ އެޑިޓައިންމަންޓް އެންޑް ހެރިޓޭޖް ކޮންސެޕްޓަށެވެ. އެގޮތުން އެޑިއުކޭޝަނަލް ބައިތައް ވެސް ހިމެނޭ ގޮތަށް މުނިފޫހި ފިލުވުމާއެކު އެވެ. އަދި އުސްގެ ކޮޅު ހުރި ހިސާބުގައި ހެރިޓޭޖް ޕްލާޒާއެއް ގާއިމްކޮށް، ދެބުރީގެ ފައުންޓަނާއި، ކުޑަކުދިންގެ ކުޅޭ ސަރަޙައްދާއި ގްރީން ވޯކް ޓަނަލާއި ސްޓޭޖް ޑްރާމާ ތިއޭޓަރާއި ޕްލޭ އޭރިއާއެއް ވެސް ހިމެނެ އެވެ.

އެ ޕާކުގައި ވިންޓަ ތީމް އޭރިއާއެއް ވެސް ތަރައްގީ ކުރެއެވެ. އެބައިގެ މަސައްކަތް އަދި ނުނިމެ އެވެ. އެހެން ނަަމަވެސް މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ރަސްރަނި ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ޖެނުއަރީ މަހު ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. ދެ ފިޔަވައްސަކަށް ތަރައްގީ ކުރާ ޕާކުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށް ނިންމާށެވެ. އެ ޕާކުގެ މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފުންނެވެ.

ރަސްރަނި ޕާކު ހަދާފައިވާ ތަނަކީ 1968 ވަނަ އަހަރު ރާއްޖޭގައި އޮތް ރަސްކަން ނިމުނު އިރު އޭރުގެ ގަނޑުވަރު ހުރި ތަނެވެ. ރަސްކަން ނިމުމުން އެތަން ޕާކަކަށް ބަދަލުކުރީ އެވެ. އެ ޕާކަށް މި އަހަރުގެ ނޮވެމްބަރު މަހު 50 އަހަރު ފުރޭނެ އެވެ. މި ޕާކަކީ މާލޭގެ ހަތަރު އަވަށް ކަމަށްވާ ހެންވޭރާއި މާފަންނާއި މަންޗަންގޮޅި އާއި ގަލޮޅު ގުޅޭ ތަނެވެ.