ހަބަރު

ރަސްރަނި ބަގީޗާއަށް ބިދޭސީންނަށް ވަދެވޭނީ ޓިކެޓް ނަގައިގެން: މުއިއްޒު

މާލޭގެ އެންމެ ބޮޑު ޕާކު ކަމުގައިވާ ސަލްޓަން ޕާކު ގިނަ ބަދަލުތައް ގެނެސް ތަރައްގީ ކުރުމަށް ފަހު "ރަސްރަނި ބަގީޗާ" ގެ ނަމުގައި މިރޭ އަލުން ހުޅުވިއިރު އެތަނަށް ބިދޭސީންނަށް ވަދެވޭނީ "އެންޓްރެންސް ފީ" އެއް ދައްކައިގެން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. -- ޓިކެޓްގެ އަގެއް ހާމައެއް ނުކުރައްވަ އެވެ.

ރަސްރަނި ބަގީޗާ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ޕާކަށް ވަންނަން ދިވެހިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އަދި ވިދާޅުވީ މިރޭ އެ ބަގީޗާ ހުޅުވި ނަމަވެސް އާންމުންނަށް އެތަން ހުޅުވާލާނީ އަންނަ ހުކުރު ދުވަހު ބާއްވާ ކުޑަކުދިންގެ ހަވީރަކާ އެކުގައި ކަމަށެވެ. ލަސްކޮށްލީ މިރޭ ޕާކު ހުޅުވުމަށް ބޭނުން ކުރި ސާމާނު ނެގުމަށެވެ.

ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު ހަޔަކުން ރޭގަނޑު 12:00 ޖަހަންދެން އެ ޕާކު ހުޅުވާފައި ހުންނާނެ އެވެ. އަދި ހުކުރު ދުވަހުވެސް ހެނދުނު 6:00 ހެނދުނު 11:00 އަށް އަދި މެންދުރު ފަހު 2:00 އިން ރޭގަނޑު 12:00 ޖަހަންދެން ހުޅުވާފައި ހުންނާނެ އެވެ. ޕާކުގެ ސެކިއުރީޓީ 24 ގަޑިއިރު ފުލުހުން ބަލަހައްޓާނެ އެވެ.

އެޑިޓައިންމަންޓް އެންޑް ހެރިޓޭޖް ކޮންސެޕްޓަށް ތަރައްގީކޮށްފައިވާ އެ ޕާކުގައި އެމެރިކާގެ ބޮސްޓަންގައި ގާއިމްކޮށްފައިވާ ކަހަލަ ލެޑް އުނދޯލިތަކެއް ހުންނާނެ އެވެ. ހަނދުފަޅިއެއްގެ ބައްޓަމަށް ހުންނަ އެ އުނދޯލި ހުންނާނީ ރާއްޖޭގެ އިތުރުން އެމެރިކާގައި އެކަނި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބަގީޗާއެއް ގޮތަށް ފެހި ކުރަން އެތަނުގައި 18،000 އަށްވުރެ ގިނަ ގަސް އިންދާފައިވާނެ ކަމަށާއި އަދި 90،000 އަކަފޫޓަށް ވުރެ ބޮޑު ހިސާބެއްގައި ވިނަ އިންދާފައިވާނެ ކަމަށެވެ.

"އެއްވެސް ގަހެއް މިތަނަކުން ނުކަނޑަން. އެކަމަކު ޕާކުގެ ސަލާމަތީ ކަންކަމަށް ބޭނުންވާ އޯލްޓާއެއް ފިޔަވާ އެއްވެސް އެއްޗެއް ނުކަނޑަން،" މުއިއްޒު ވިދާޅުވި އެވެ.

ބިއްލޫރި ޓްރީހައުސްއެއްގައި ހަދާފައިވާ "ރަސްރަނި ވިއު"ގައި ޒަމާނީ ވަސީލަތްތަކާއެކު ހުންނަ ކްލާސްރޫމްތައް ކިޔަވައިދިނުމުގެ އިތުރުން މީޓިންތައް ބާއްވަންވެސް ބޭނުންކުރެވޭނެ ކަމަށެވެ. އެތަނުގައި ހުންނައިރު ބަގީޗާއެއްކޮށް ކަހަލަ ގޮތަކަށް ފެންނާނެ އެވެ. އަދި އެ ކްލާސްރޫމްތަކުގެ ތިރީގައި ގާއިމްކޮށްފައިވާ ބައި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އަށް ހާއްސަކޮށްފައިވާ ކަމަށާއި އެތަނުގައި ކުޑަކުދިންގެ ކުރެހުމާއި ފަންނުވެރިކަން ކުރިއަރުވަން ކަންތައްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

ރަސްރަނި ޕާކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، އެނާޖީ ޑްރިންކް ބޭނުންކުރުމައި އޭގެ ވިޔަފާރި ކުރުން މަނާވާނެ އެވެ. އެތަނުގެ ސާފުތާހިރުކަން ބަލަހައްޓާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.