ހަބަރު

ހަޅުތާލު ކުރަނިކޮށް ޖަލްސާ ބާއްވައިފި

Aug 22, 2017
14

ރައްޔިތުންގެ މަޖިިލީހުގައި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުން ދަނިކޮށް ސިފައިންގެ އެހީގައި ޖަލްސާ ބާއްވާ އެޖެންޑާގައި ހުރި މަސައްކަތްތައް ނިންމާލައިފި އެވެ. މަޖިލީސް މިއަދު ފެށިގެން އައިއިރު ވެސް އެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ވަނީ ރިޔާސަތު ވަށާލައި އެތަނަށް އިދިކޮޅު މެންބަރުންނަށް ކައިރި ނުވެވޭ ގޮތް ހަދައިފަ އެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު މެންބަރުން ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަމުން ދަނިކޮށް މަސީހު ވަޑައިގެން މަޖިލީހުގެ ޖަލްސާ ފެށި އެވެ.

އިހުތިޖާޖު ކުރާތީ މަޖިލީސް ޓީވީން އިން ދެއްކުން މެދުކަނޑާލި ނަމަވެސް މަޖިލީހުގެ ތެރޭގައި ހިނގައިދިޔަ ކަންކަން އިދިކޮޅު މެންބަރުން އައީ ފޭސްބުކް މެދުވެރިކޮށް ލައިވް ކުރަމުންނެވެ. އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރާތީ މަސީހު ރިޔާސަތުގައި އިންނަވައިގެން ދެއްކެވި އެއްވެސް ވާހަކައެއް އަޑެއް ނީވެ އެވެ. ނަމަވެސް މައިކު ޖައްސައިގެން މަސީހު ވާހަކަ ދައްކަވާ މަންޒަރު ފެނެ އެވެ.

ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ވާހަކަ ދެއްކެވުމަށް އިންނެވުމަށްފަހު މަސީހު ވަނީ ތަޅުން ދޫކޮށް އެމަނިކުފާނުގެ ކޮޓަރިކޮޅަށް ވަޑައިގެންފަ އެވެ. މަޖިލީހުގެ ބައެއް މެންބަރުން ކަށަވަރުކޮށްދިން ގޮތުގައި މަޖިލީހުގައި މިއަދު އެޖެންޑާކޮށްފައި ހުރި މައްސަލަތައް މަސީހު ވަނީ ހުށަހަޅާ ޖަލްސާ ނިންމާލައިފަ އެވެ.

"މައުލޫމާތު ލިބޭ ގޮތުގައި މަސީހު ވަނީ މިއަދު އެޖެންޑާކޮށްފައި ހުރި ހުރިހާ މައްސަލަތަކެއް ނިންމާ ކޮމިޓީއަށް ފޮނުވަން ޖެހޭކަންކަން ކޮމިޓީއަށް ފޮނުވާފަ، ނަމަވެސް އެ އަޑެއް އަޅުގަނޑުމެންނަކަށް ނީވޭ، މިއަދު ކުރިޔަށް ދިޔައީ ވެސް ސައްހަ ޖަލްސައަކަށް ނުވާނެ،" މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިދިކޮޅު މެންބަރަކު ވިދާޅުވި އެވެ.

މިއަދަށް އެޖެންޑާކޮށްފައި ވަނީ ސްރީލަންކާގެ ސަފީރު ކަމަށް މުހައްމަދު ހުސެން ޝަރީފް (މުންދު) ހަމަޖެެއްސުމަށް ރައިސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލައައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަނަރު ކަމަށް އަހުމަދު ނަސީރުގެ ނަން ހުށަހެޅުމެވެ. އޭގެ އިތުރުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގައި ރާއްޖެ ބައިވެރިވުމާ ބެހޭ މައްސަލައަށް ދިރާސާ ކުރަން ފޮނުވުން ވެސް މިއަދަށް ވަނީ ތާވަލުކޮށްފަ އެވެ.

އެގޮތުން ލަންކާ ސަފީރު ކަމަށް މުންދު އައްޔަން ކުރާ މައްސަލަ ވަނީ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާ ގަވަނަރު ކަމަށް ނަސީރު އައްޔަން ކުރާ މައްސަލަ ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.