ހަބަރު

ލަންކާ ސަފީރަކަށް މުންދު އައްޔަން ކުރާ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށް މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަން ކުރުމުގެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ލަންކާ ސަފީރު ކަމަށް މުންދު އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ހުށަހެޅުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ތަޅުމަށް ވަދެވަޑައިގަތީ ސެކިއުރިޓީގެ އެހީގަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރުމުގެ ސަބަބުން މަސީހު ދެއްކެވި ވާހަކަތަކެއް ސާފެއް ނުވެ އެވެ.

ނަމަވެސް ބައެއް މެންބަރުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މިއަދު އެޖެންޑާކޮށްފައިވާ ކަންކަން ވަނީ ފްލޯއަށް ހުށަހަޅާފަ އެވެ. ނަމަވެސް މެންބަރުންނަށް އަޑު ނީވޭތީ އިދިކޮޅު ފަރާތްތަކުން އެ ހުށަހެޅުންތައް ގަބޫލެއް ނުކުރެ އެވެ.

ލަންކާ ސަފީރު ކަމަށް މުންދު އައްޔަން ކުރާއިރު އޭނާ މިވަގުތު ހުންނެވީ ރާއްޖެ ފަރާތުން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމުގެ މަގާމުގަ އެވެ. ޑީއާރްޕީ އާއި ޕީޕީއެމްގައި ވެސް އިސް ދައުރެއް އަދާ ކުރައްވާފައިވާ މުންދުއަކީ ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ ތަރުޖަމާނު ކަމާއި އެހެން ވެސް އިސް މަގާމުތަކެއް ފުރުވައި ފަހުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން މުންދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.